ރިސޯޓު ތަރައްގީކުރުމަށް ބިޑު ހުށަހެޅުމަށް ޓޫރިޒަމް މިނިސްޓްރީން އިއުލާންކުރި 15 ރަށުގެ ތެރެއިން މ. ބޯހުރާ އުނިކުރުމަށް ފަހު އަލުން އިއުލާންކޮށްފި އެވެ.
ޓޫރިޒަަމް މިނިސްޓްރީން މިދިޔަ މަހުގެ 23 ވަނަ ދުވަހު ކުރި އިއުލާނަށް ބަދަލު ގެނައީ އެ އިއުލާންގައި ރިސޯޓު ތަރައްގީކުރަން ހުޅުވާލި ތަންތަނުގެ ލިސްޓްގައި މ. ބޯހުރާ ހިމެނޭތީ އެކަމާ ދެކޮޅަށް އެތައް ބަޔަކު އަޑުއުފުލުމާ ގުޅިގެންނެވެ.
ބޯހުރާއަކީ ރާއްޖޭގެ ރާޅާއަޅާ އެންމެ މަޝްހޫރު އެއް މަންޒިލެވެ. އެހެންވެ ބޯހުރާގައި ރިސޯޓު ހެދުމާ ދެކޮޅަށް މ. މުލީ ރައްޔިތުންނާއި ކައުންސިލާއި ތިމާވެށީގެ ހިމާޔަތުގައި މަސައްކަތް ކުރާ ބައެއް ޖަމިއްޔާތަކުން އަޑުއުފުލި އެވެ.
އެމައްސަލައިގަ ޓޫރިޒަމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ މިނިސްޓްރީން ރިސޯޓް ތަރައްގީކުރުމަށް މިދިޔަ މަހުގެ 23 ވަނަ ދުވަހު ހުޅުވާލި ރަށްތަކުގެ ތެރޭގައި ހިމެނޭ މ. ބޯހުރާ ބީލަމަށް ހުޅުވާލާފައި ވަނީ އެރަށް ހިއްކުމަށް ހުއްދަ ދޭގޮތަށް ނޫން ކަމަށެވެ. އަދި އެރަށް ރިސޯޓެއްގެގޮތުގައި ތަރައްގީކުރާއިރު، ރަށަށް އަރާ ފޭބުމުގެ އިންތިޒާމް ވެސް ހަމަޖައްސާނީ ރިސޯޓް ތަރައްގީކުރާ ފަރާތާއި، މުލީ ކައުންސިލާއި ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން މުލީ ބަނދަރުން ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީން އޭރު ބުންޏެވެ.
މިނިސްޓްރީން ބުނީ ބޯހުރާގެ ބައުންޑްރީގައި އެރަށާއި ކައިރީގައިވާ، މަޝްހޫރު ސާފް-ޕޮއިންޓް ނުހިމެނޭ ކަމަށާ ޓޫރިސްޓް ރިސޯޓާއި، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓް ހައުސް އަދި ޔޮޓް ބަނދަރު ތަރައްގީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށްރަށުގެ ފަޅު ސަރަޙައްދު ކަނޑައެޅުމާބެހޭ ގަވާއިދުގެ 8 ވަނަ މާއްދާގެ ދަށުން ބޯހުރާގެ ބައުންޑްރީ ކަނޑައަޅާނީ އެ ސާފް-ޕޮއިންޓް ވަކިކުރުމަށްފަހު ކަމަށެވެ.
އެހެންނަމަވެސް ޓޫރިޒަމް މިނިސްޓްރީން އިއްޔެވަނީ އެ ބިޑުގެ ލިޔެކިޔުންތަކަށް ބަދަލުތަކެއް ގެނެސް، ލިސްޓުން ބޯހުރާ އުނިކޮށް އަލުން އިއުލާންކޮށްފަ އެވެ. އަދި 6 ފެބްރުއަރީގައި ބާއްވަން އޮތް މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުން 7 ފެބްރުއަރީއަށް ވަނީ ފަސްކޮށްފަ އެވެ.
މި ބައްދަލުވުމުގެ ތާރީހަށް ބަދަލު ގެނައީ ފެބްރުއަރީ ހަވަނަ ދުވަހަކީ މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވާ ދުވަހަށް ވެފައި އެ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސާފައިވާތީ އެވެ.
ފަތުރުވެރިކަމަށް ދޫކުރުމަށް ނިންމާފައިވަނީ
- ހއ އަލިދުއްފަރުފިނޮޅު
- ހއ މެދަފުށި
- ހދ ކުޑަފަރުފަސްގަނޑު
- ރ އެއްތިގިލި އަދި ރ އަލިފުށި ފަޅުން 10 ހެކްޓަރު ހިއްކުން
- ކ ކާށިދޫ ފަޅުގެ ސަރަހައްދުން ބައެއް
- ފ ނިލަންދޫ ފަޅުގެ ސަރަހައްދުން ބައެއް 1، ފަޅުގެ ސަރަހައްދުން ބައެއް 2
- ތ އޮޅުފުށި، އޮޅުފުށި ފިނޮޅާއެކު
- ތ އޮޅުފުށިފިނޮޅު
- ގއ ބޭރުމައުއްޑޫ
- ގއ ފުނަދޫވިލިގިއްލާ
- ގދ ހާދުއާ
- ގދ ކަޅެހުއްޓާ
- ގދ ފެރޭތަ ވިލިނގިލި
- ގދ. ދެކަނބާ، ކޮޑެރަޓާ، އިތުރު އެއް ރަށް