ފަތުރުވެރިޔާ ގައިގަ ބުރަފަތިން ޖެހުނު ޑީންގީ ދުއްވީ ކަނޑުއުޅަނދު ދުއްވުމުގެ ލައިސަންސް ނެތް މީހެއް ކަމަށް ފުލުހުން ބުނެފިއެވެ.
އާންމުކޮށް ފަތުރުވެރިން ސްނޯކްލިން އަށް ގޮސް އުޅޭ، ތުލުސްދޫއާއި ކައިރީގައި އޮންނަ ކުޑަވިގިލި ކަނޑުއޮޅިއާއި ދިމާލުން ހިނގި މި ހާދިސާގައި ޑިންގީގެ ބުރަފަތިންޖެހި މަރުވެފައިވަނީ ޕޮލެންޑުގެ 52 އަހަރުގެ ފިރިހެނެކެވެ. ބޮޑެތި ޒަހަމްތަކާއި އެކު އޭނާ ތުލުސްދޫ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް ފުލުހުން އޭރު ވަނީ ބުނެފައެވެ.
ފުލުހުން ބުނީ މި މައްސަލަ އާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ އެ ޑިންގީ ދުއްވި އުމުރުން 45 އަހަރުގެ ފިރިހެން މީހާ ކަމަށެވެ. އަދި އޭނާގެ އަތުގައި ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތްކަމަށް ފުލުހުން މައުލޫމާތުދެއެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ގޭބަންދު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
މި ހާދިސާގައި މަރުވި ފަތުރުވެރިޔާ އަކީ އިތުރު 3 މީހަކާއި އެކު ރާއްޖެ އައިސް ޗުއްޓީ ހޭދަކުރަމުން ދިޔަ ފަތުރުވެރިއެއް ކަމަށް މައުލޫމާތު ލިބެއެވެ.
ފަތުރުވެރިޔާ ސްނޯކްލިންއަށް ގޮސްއުޅުނީ އާދިއްތަ ދުވަހު ހެނދުނެވެ. ފުލުހުންނަށް މިކަން ރިޕޯޓްކޮށްފައިވަނީ އެދުވަހު 11:10 ހާއިރެވެ.