ޔޫތް މިނިސްޓްރީ އާއި އެމް.އޭ.ސީ.އެލް އާއި ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހިންގާ އެޕްރެންޓިސްޝިޕް ޕްރޮގްރާމު ފެށުން - ފޮޓޯ: އެމްއޭސީއެލް

ދިވެހި ޒުވާނުންނަށް ވަޒީފާގެ ފުރުސަތު އުފެއްދުމަށް ސަރުކާރުން ކުރިއަށްގެންދާ ގައުމީ އެޕްރެންޓިސްޝިޕް ޕްރޮގްރާމް މޯލްޑިވްސް އެއަރޕޯޓްސް ކުންފުނިން ފަށައިފިއެވެ.

މި ޕްރޮގްރާމު ފެށުމުގެ ގޮތުން މިއަދު ހުޅުލޭ އައިލަންޑް ހޮޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އާއި އެމް.އޭ.ސީ.އެލް އާއިއެކު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގައި ޔޫތް މިނިސްޓީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ހުސައިން އިސްމާއިލް އެވެ. އަދި އެމް.އޭ.ސީއެލްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ތޯހާއެވެ.

އެޕްރެންޓިސްޝިޕް ޕްރޮގްރާމު ފެށުމަށް ޔޫތް މިނިސްޓްރީ އާއި އެމް.އޭ.ސީ.އެލް އާއި ދެމެދު އެއްބަސްވުމުގައި ސޮއި ކުރުން - ފޮޓޯ: އެމްއޭސީއެލް

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން އެމް.އޭ.ސީ.އެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ތޯހާ ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ ތަރައްގީގެ ބޮޑެތި މަޝްރޫޢުތަކެއް ކުރިއަށް ގެންދާ ތަނެއްކަމަށެވެ.

އެއާޕޯޓަށް އަންނަ އުމްރާނީ ތަރައްގީއާއި ޓެކްނޮލޮޖީގެ ކުރިއެރުންތަކާއި އެއްވަރަށް ތަމްރީނު ލިބިފައިވާ ފަންނީ މުވައްޒަފުން ލިބުމަކީ ކުރިމަތިވާ ގޮންޖެހުމެއް ކަމަށް ތޯހާ ވިދާޅުވިއެވެ.

ނަމަވެސް މި ސަރުކާރުގެ ވައުދާއި އެއްގޮތަށް މިފަދަ ޕްރޮގްރާމެއްގެ ހިންގުމަކީ މުވައްޒަފުން ހޯދުމަށް އެމް.އޭ.ސީ.އެލް އަށް ލިބިގެންދާނެ ލުޔެއްކަން ތޯހާ ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ، ހުސައިން އިސްމާއިލް ވިދާޅުވީ ރާއްޖޭގައި ގިނަ އަދަދެއްގެ ވަޒީފާގެ ފުރުސަތުތައް ހުރިނަމަވެސް އެވަޒީފާތަކަށް ބޭނުންވާ ފަންނީ ޤާބިލު ޒުވާނުން މަދުކަމަށެވެ.

ޔޫތް މިނިސްޓްރީ އާއި އެމް.އޭ.ސީ.އެލް އާއި ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހިންގާ އެޕްރެންޓިސްޝިޕް ޕްރޮގްރާމު ފެށުން - ފޮޓޯ: އެމްއޭސީއެލް

އަދި އެކަމަށް ލުޔެއް ހޯދުމުގެ ގޮތުން ސަރުކާރުން ކުރިއަށްގެންދާ ގައުމީ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ތެރެއިން ރަސްމީ ތައުލީމީ ނިޒާމުން އެކި ސަބަބުތަކާއިހުރެ އެކަހެރިވެފައިވާ ފަރާތްތަކަށް ތަމްރީނުދީ ވަޒީފާގެ ފުރުސަތުތައް ހުޅުވާލެވިގެންދާނެ ކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

މިކަމުގެ ސަބަބުން ވަޒީފާގެ ބާޒާރުގެ ފަންނީ އެކި ދާއިރާތަކަށް ބޭނުންވާ ތަމްރީނު ލިބިފައިވާ މީހުން އުފެދިގެންދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެމެ.އޭ.ސީ.އެލްގައި މިއަދު ފެށިގެންދިޔަ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ތެރެއިން ތިން އަހަރު ދުވަހުގެ ތެރޭގައި ޖުމްލަ 225 މީހުން ތަމްރީނުކުރެވޭނެ އެވެ.

ފުރަތަމަ ބުރުގައި ޖުމްލަ 75 ފަރާތްތަކަށް ތަފާތު 20 ދާއިރާއަކުން ތަމްރީނާއި ތަޖުރިބާ ދެވިގެންދާނެއެވެ. ހަ މަސް ދުވަހުގެ މިތަމްރީނު ޕްރޮގްރާމުގައި އެމް.އޭ.ސީ.އެލްގެ 50 މުވައްޒަފުންނާއި އަދި މި ޕްރޮގްރާމަށް އެޕްލައިކުރި ފަރާތްތަކުގެ ތެރެއިން ހޮވުނު 25 ޒުވާނުން ބައިވެރިވާނެއެވެ.

މިއީ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ސެޓްފިކޭޓް ލެވެލް 3 ގެ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދަނީ މިނިސްޓަރީ އޮފް ހަޔަރ އެޑިއުކޭޝަން، މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް އަދި މޯލްޑިވްސް ނެޝަނަލް ސްކިލް ޑިވެލޮޕެންޓް އޮތޯރިޓީ ގުޅިގެން އެއޮތޯރިޓީގެ ނެޝަނަލް ކޮމްޕިޓެންސީ ސްޓޭންޑަޑްތަކާއި އެއްގޮތަށެވެ.

ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ދަށުން ދެ ޖިންސުގެ ޒުވާނުންނަށް އަމާޒުކޮށްގެން ތަފާތު ހުނަރުތައް ދަސްކޮށްދީ، ވަޒީފާގެ ބާޒާރަށް އަހުލުވެރި ކުރުވަން ހިންގާ މިޕްރޮގާމްގެ ދަށުން ޖުމްލަ ތިންހާސް ޒުވާނުން ތަމްރީންކުރުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *