ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ޑިސެމްބަރު 2022 ގައި ކޮށްފައިވާ އިއުލާނުގައިވާ ގޮތުގެ މަތިން ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އެއްގަމު އުޅަނދުތައް މިއަދު ޓޯކުރަން ފަށައިފިއެވެ.
އެޗްޑީސީން މީގެ ކުރިން ބުނެފައިވަނީ ހުޅުމާލޭގެ އެކި ހިސާބުތަކުގެ އެކި މަގުމަތުގައި ޤަވާއިދާއި ހިލާފަށް 400 އަށްވުރެ ގިނަ އެއްގަމު އުޅަނދު ޕާކުކޮށްފައިވާ ކަމަށެވެ.

ހުޅުމާލޭގައި ގަވާއިދާއި ހިލާފަށް ޕާކުކޮށްފައިވާ އުޅަނދެއް ފުލުހުންނާއި ގުޅިގެން އެޗްޑީސީން ޓޯ ކުރަނީ - ފޮޓޯ: އެޗްޑީސީ
ފުލުހުންނާއި ގުޅިގެން އެ އުޅަނދުތައް ޓޯ ކުރުމުގެ މަސައްކަތް މިއަދު ފަށާފައިވާއިރު މި ކަމުގެ މަގްސަދަކީ ހުޅުމާލެއަކީ އަމާން ހިތްފަސޭހަ ތަނަކަށް ހެދުން ކަމަށް އެޗްޑީސީން ބުނެއެވެ.

ހުޅުމާލޭގައި ގަވާއިދާއި ހިލާފަށް ޕާކުކޮށްފައިވާ އުޅަނދެއް ފުލުހުންނާއި ގުޅިގެން އެޗްޑީސީން ޓޯ ކުރަނީ - ފޮޓޯ: އެޗްޑީސީ
އެޗްޑީސީން ވަނީ މިދިޔަ އަހަރު ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ޕާކުކޮށްފައި ހުރި އުޅަނދުތަކާއި ގުޅޭ ސާވޭއެއް ކުރިޔަށް ގެންގޮސްފައެވެ.
މި ސާވޭއިން ހުޅުމާލޭގެ ޕާކިން ޒޯންތަކާއި މަގުތަކާއި ހުސް ބިންތަކުގައި ޤަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތަކާއި ހަލާކުވެ ބޭނުން ނުކުރެވޭ ހާލަތުގައި ހުރި ގިނަ އަދަދެއްގެ އުޅަނދުތައް ހުރިކަމަށް އެޗްޑީސީގެ ސަމާލުކަމަށް އައިސްފައިވެއެވެ.

ހުޅުމާލޭގައި ގަވާއިދާއި ހިލާފަށް ޕާކުކޮށްފައިވާ އުޅަނދެއް ފުލުހުންނާއި ގުޅިގެން އެޗްޑީސީން ޓޯ ކުރަނީ - ފޮޓޯ: އެޗްޑީސީ
މިއަދުން ފެށިގެން ޓޯކުރާ އުޅަނދުތަކުގެ ތެރޭގައި ރަޖިސްޓްރީ ނަމްބަރު ނެތް 370 އުޅަނދަކާއި، ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ 46 އުޅަނދެއް ހިމެނެއެވެ.