ޑިންގީއެއްގެ ބުރަފަތީގައި ޖެހި ފަތުރުވެރިއަކު މަރުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.
ކ. ތުލުސްދޫގައި މިދިޔަ އާދިއްތަ ދުވަހު ހިނގި މި ހާދިސާއާއި ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ 45 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް މައުލޫމާތު ލިބެއެވެ.
އާންމުކޮށް ފަތުރުވެރިން ސްނޯކްލިން އަށް ގޮސް އުޅޭ، ތުލުސްދޫއާއި ކައިރީގައި އޮންނަ ކުޑަވިގިލި ކަނޑުއޮޅިއާއި ދިމާލުން ހިނގި މި ހާދިސާގައި މަރުވެފައިވަނީ ޕޮލެންޑުގެ 52 އަހަރުގެ ފިރިހެނެކެވެ.
ބޮޑެތި ޒަހަމްތަކާއި އެކު އޭނާ ތުލުސްދޫ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވަނީ މަރުވެފައި ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.
މި ހާދިސާގައި މަރުވި ފަތުރުވެރިޔާ އަކީ އިތުރު 3 މީހަކާއި އެކު ރާއްޖެ އައިސް ޗުއްޓީ ހޭދަކުރަމުން ދިޔަ ފަތުރުވެރިއެއް ކަމަށް މައުލޫމާތު ލިބެއެވެ.
ފަތުރުވެރިޔާ ސްނޯކްލިންއަށް ގޮސްއުޅުނީ އާދިއްތަ ދުވަހު ހެނދުނެވެ. ފުލުހުންނަށް މިކަން ރިޕޯޓްކޮށްފައިވަނީ އެދުވަހު 11:10 ހާއިރެވެ.