ނަޒާހަތްތެރިކަން މީހެއްގެ ގައިގާ ނެތިއްޖެނަމަ، އޭނަ ކިތަންމެ މޮޅަށް ކިޔަވާފަ ހުއްޓަސް އެއީ މުޖުތަމަޢު ބަލައިގަންނާނެ މީހަކަށް ނުވާނެކަމަށް އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު އަހުމަދު (ހަނަފީ) ވިދާޅުވެއްޖެއެވެ.

ހަނަފީ މިހެން ވިދާޅުވީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާއި މޯލްޑިވްސް އިމިގްރޭޝަނާ ދެމެދު ނަޒާހަތްތެރިކަމާގުޅޭ އެމްއޯޔޫއެއްގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ހަނަފީ ވިދާޅުވީ ނަޒާހަތްތެރިކަން މީހެއްގެ ގައިގާ ނެތިއްޖެނަމަ، އޭނަ ކިތަންމެ މޮޅަށް ކިޔަވާފަ ހުއްޓަސް އެއީ މުޖުތަމަޢު ބަލައިގަންނާނެ މީހަކަށް ނުވާނެކަމަށެވެ. އަދި މިފަދަ ފަހުމުނާމާއެއްގެ މުހިންމުކަން ފާހަގަކޮށް، މިއީ ދެ މުއައްސަސާގެ ގުޅުން ބަދަހިކުރުމަށް ގެތުނު އިތުރު ބޮޅެއްކަމާއި ދެ މުއައްސަސާ ގުޅިގެން ކޮރަޕްޝަން ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވިދާނެކަމަށް ވިދާޅުވިއެވެ. މީގެއިތުރުން ހުރިހާ އެންމެން ގުޅިގެން ހާސިލްނުވާނެ ކަމެއް ނޯންނާނެކަމަށާއި އިމިގްރޭޝަނުން ކޮރަޕްޝަން ފަދަ ނޭއްގާނީ އަމަލުތައް ހުއްޓުވުމަށް އަބަދުވެސް އެއްބާރުލުން ދޭނެކަން ފާހަގަކުރެއްވިއެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެމްބަރ، އުސްތާޒާ ޝިޔާމާ މުޙައްމަދުގެ ވާހަކަފުޅުގައި ވިދާޅުވީ، މި ފަހުމުނާމާއަކީ އިމިގްރޭޝަން ދާއިރާގައި ނަޒާހަތްތެރިކަން ކުރިއެރުވުމަށާއި ދެ މުއައްސަސާ ގުޅިގެން ގައުމީ ޚިދުމަތުގައި ދެމިތިބުމަށް އިތުރު ބާރަކަށް ވެގެންދާނެ ކަމެއް ކަމަށެވެ. މިފަހުމުނާމާއިން ފާހަގަވާން އޮތް އެންމެ މުހިންމު އެއް ކަމަކީ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ތަހުޤީޤަށް މަޢުލޫމާތު ހޯދުމުގައި އިމިގްރޭޝަންގެ ޑާޓާ ބޭސް މެދުވެރިކޮށް ކަނޑައެޅޭ ވަކި މިންގަނޑެއްގެ ތެރެއިން އެ މުވައްސަސާއަށް މަޢުލޫމާތު ލިބިގެން ދިއުންކަމުގައި ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ކޮރަޕްޝަނާ ދެކޮޅަށް މުވައްޒަފުން ހޭލުންތެރިކުރުމަށް ދެ މުއައްސަސާއިން ގުޅިގެން ތަމްރީނު ޕްރޮގްރާމްތައް ހިންގައި، މުވައްޒަފުން ބިނާކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރެވިގެންދާނެކަމަށް ޤަބޫލުކުރާކަމަށް ވިދާޅުވިއެވެ.

މޯލްޑިވްސް އިމިގްރޭޝަންގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ ކޮންޓްރޯލަރ ޖެނެރަލް މުޙައްމަދު އަޙުމަދު ޙުސެއިން އެވެ. އަދި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކޮމިޝަންގެ ރައީސް އާދަމް ޝާމިލްއެވެ.

މި ފަހުމުނާމާއަކީ، އެންޓި-ކޮރަޕްޝަން ކޮމިޝަނަށާއި، މޯލްޑިވްސް އިމިގްރޭޝަނަށް ޤާނޫނުން މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާކުރުމުގައި އެއް މުއައްސަސާއިން އަނެއް މުއައްސަސާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި، އެކުގައި މަސައްކަތް ކުރާނެ ދާއިރާތައް ކަނޑައެޅާ، އެ ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމަށް ދެ މުއައްސަސާގެ ދެމެދު ވެވުނު ފަހުމުނާމާއެކެވެ.

އިމިގްރޭޝަނުން ބުނީ އެ މުއައްސަސާގެ މަޤްސަދަކީ، ސަރުކާރުގެ އެހެނިހެން މުއައްސަސާތަކާއި ގުޅިގެން، އެފަރާތްތަކަށް ފޯރުކޮށްދެންޖެހޭ އެހީތެރިކަމާއެކު މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ޤާނޫނު ތަންފީޒުކުރުމުގައި ފުރިހަމަ އެއްބާރުލުން ފޯރުކޮށްދިނުން ކަމަށެވެ. އަދި މިފަދަ ކަންތައްތަކުން ރައްޔިތުންނަށް ލިބޭނެ ދެމެހެއްޓެނިވި ފައިދާތައް ބަލައި ޚިދުމަތްތައް ދިނުމުގައި ލުއިފަސޭހަކޮށްދިނުން ކަމަށް އިމިގްރޭޝަނުން މައުލޫމާތުދެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *