އައްޑޫ ސިޓީ ފޭދޫން ދޫކުރަން އިއުލާންކުރި ގޯއްޗަށް ކުރިމަތިލުން ކެންސަލްކުރި ކަމަށް ބުނާ ހަބަރުތައް، އައްޑޫ ސިޓީ ކައުންސިލުން މިއަދު ދޮގުކޮށްފި އެވެ.
"ޖަޒީރާ" އަށް މައުލޫމާތު ދެއްވަމުން ފޭދޫ ދާއިރާގެ ކައުންސިލަރު އައިމިނަތު ސަލްމާ ވިދާޅުވީ ގޯތި ދޫކުރުން ކެންސަލް ކުރި ވާހަކަ އަކީ ކަނޑައެޅިގެން ދޮގުވާހަކަ އެއް ކަމަށާ ކެންސަލް ކުރަންޖެހޭ އެއްވެސް ސަބަބެއް އަދި ނެތް ކަމަށެވެ.
ސަލްމާ ވިދާޅުވީ މާދަމާ ފޭދޫއިން ގޯއްޝަށް އެދޭ ފޯމުތައް ބަލައިގަންނަން ފަށާއިރު، ގޯއްޗަށް އެދޭ ފޯމުގެ އެއް ސޮފުހާގައި މައްސަލަތަކެއް ހުރެގެން އެކަން އިސްލާހު ކުރުމަށް ފޭދޫ އަވަށު އޮފީހުން ސިޓީ ކައުންސިލަށް ފޮނުވާފައިވާ ކަމަށެވެ. އެހެންނަމަވެސް އަދި އެ ފޯމު ސެޓުގެ އެ ސަފްހާ އަށް ހަދަންޖެހޭ ގޮތެއް ސިޓީ ކައުންސިލުން އަންގާފައި ނުވާކަަމަށާ މިއަދުގެ ވަގުތެއްގައި އެކަން ހަމަޖެހިގެންދާނެ ކަމަށް ބެލެވޭ ކަމަށެވެ.
ސަލްމާ ވިދާޅުވީ ގޯއްޗަށް އެދި ހުށަހެޅުމުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 2 ވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހުގެ ނިޔަލަށް ކަމަަށާއި އެއްވެސް ބަދަލެއް އަންނަނަމަ ކައުންސިލުުން އެކަން އާންމުކޮށް އަންގާ އިއުލާން ކުރާނެ ކަމަށެވެ.
ފޭދޫން 1،500 އަކަފޫޓުގެ 300 ގޯތި ދޫކުރަން އިއުލާންކުރީ މިދިޔަ ހަފްތާގެ ހޯމަ ދުވަހުގެ ރޭ ދަންވަރެވެ. ފޭދޫއިން 300 ގޯތި ދޫކުރުމަށް ނިންމާފައިވާއިރު މީދޫ އަދި ހުޅުދޫއިން 100 ގޯތި ދިނުމަށް އިއުލާންކޮށްފައިވެއެވެ.
މިއިން ކޮންމެ އަވަށަކުންވެސް 90 އިންސައްތަ ގޯތި ދިނުމަށް ނިންމާފައިވަނީ އެ އަވަށެއްގެ ރައްޔިތުންނަށެވެ. އަދި ކޮންމެ އަވަށަކުންވެސް 10 އިންސައްތަ ގޯއްޗަށް އެހެން މީހުންނަށް ކުރިމަތިލެވޭގޮތަށް ވަނީ ހުޅުވާލާފައެވެ.
އެހެންކަމުން ފޭދޫއިން 30 ގޯއްޗަށް އަދި މީދޫ އާއި ހުޅުދޫއިން 10 ގޯއްޗަށް އެހެން އަވަށްތަކުގެ ރައްޔިތުންނަށް ކުރިމަތިލެވޭނެއެވެ.