ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު

މި އަހަރަށް ފާސްކުރި ބަޖެޓު ތަންފީޒުކުރުމަށާއި ހަރަދުތަކުގެ އެފިޝަންސީ މަތިކުރުމަށް ގިނަ ފިޔަވަޅުތަކެއް އެޅުމަށް ފިނޭންސް މިނިސްޓްރީން ދައުލަތުގެ އޮފީސްތަކަށް އަންގައިފި އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ސޮއިކުރައްވާފައިވާ މާލިއްޔަތާއިބެހޭ ސާކިއުލާގައިވާ ގޮތުން ކައުންސިލްތައް ފިޔަވައި ދައުލަތުގެ ހުރިހާ އޮފީހަކުން އެ ސާކިއުލާއަށް އަމަލުކުރަން ޖެހެ އެވެ.

މި ސާކިއުލާގައި ވަނީ، ހަރަދު ކުޑަކުރުމުގެ ގޮތުން މުވައްޒަފުންނަށް ކުރާ ހަރަދާއި ދަތުރު ހަރަދު އަދި އޮފީސް ހިންގުމުގެ ހަރަދުތައް ވެސް ކުޑަކުރަން އަންގައިފައެވެ. އެގޮތުން ފިނޭންސް މިނިސްޓްރީގެ ހުއްދަ ނެތި ދައުލަތުގެ ބަޖެޓުން ހަރަދުކުރާ ގޮތަށް އެއްވެސް އާ މަގާމެއް ނުއުފެއްދުމަށާ، ޕޭ ކޮމިޝަނުން ދިރާސާކޮށް، ފިނޭންސް މިނިސްޓްރީގެ ހުއްދަ ލިބިގެން ނޫނީ މުސާރައިގެ އޮނިގަނޑަށް ބަދަލުނުގެނައުމަށް ވަނީ އަންގާފައެވެ.

އަދި ބަޖެޓުގައި ހިމަނާފައިވާ އެލަވެންސްތައް ވެސް މިހާރު ދޭން ފަށާފައި ނުވާ ނަމަ، މިނިސްޓްރީގެ ހުއްދަ ލިބިގެން ނޫނީ ދޭން ނުފެށުމަށާ ފިނޭންސްގެ ހުއްދަ ލިބިގެން ނޫނީ، މުވައްޒަފުންގެ ޕްރޮމޯޝަން ފަދަ މަގާމުގެ ރޭންކަށް އަދި މުސާރަ އާއި އިނާޔަތްތަކަށް ބަދަލު އަންނާނެ ކަންތައްތައް ކުރިއަށް ނުގެންދިއުމަށް ވަނީ އަންގާފައެވެ. މީގެއިތުރުން ރަސްމީ ގަޑީގައި މަސައްކަތް ނިމޭނެހެން އޮފީސްތަކުގެ މަސައްކަތްތައް ރާވައި އިތުރު ގަޑީގެ މަސައްކަތްތައް މަދު ކުރުމަށް ވަނީ އަންގާފައެވެ.

މީގެ އިތުރުން ޕީއެސްއައިޕީގައި ހިމެނޭ ކެޕިޓަލް ހަރަދުތައް ފިޔަވައި ކޮންމެހެން ކުރަން ޖެހޭ ކެޕިޓަލް ހަރަދެއް ނޫނީ ނުކުރުމަށް ވެސް އަންގާފައިވެ އެވެ.

ކައުންސިލްތަކުން ވެސް ބްލޮކް ގްރާންޓް އަދި އަމިއްލަ އާމްދަނީ ފައިސާއިން ހަރަދު ކުރުމުގައި ސާކިއުލާއަށް ރިއާޔަތްކޮށް ހަރަދުތައް ބައްޓަން ކުރުމަށާއި ކައުންސިލުގެ ބަޖެޓުގެ ތެރެއިން ހަރަދުތައް ހަމަޖެއްސައި ހަރަދުތަކުގެ އެފިޝަންސީ މަތިކުރުމަށް ސަމާލުވުމަށް މި ސާކިއުލާގައި ވަނީ އަންގައިފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *