ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ފައްޔާޒް ޝާތިރުގެ ސުލޫކީ މައްސަލައެއް ބަލަން ޖުޑިޝަލް ސަރިވިސް ކޮމިޝަނުން ނިންމައިފިއެވެ.
ޖޭއެސްސީން ބުނީ ސިވިލް ކޯޓަށް ހުށަހެޅުނު މައްސަލައެއްގެ އަޑުއެހުންތައް ނިންމާލުމަށްފަހު، މައްސަލައިގެ ޙުކުމް ނުކޮށް އެއް އަހަރު ދުވަހަށްވުރެ ދިގު މުއްދަތަކަށް މައްސަލަ ކުރިއަށްގެންދިޔުމުގައި ފަރުވާކުޑަކޮށްފައިވާކަމަށް ތުހުމަތުކޮށް އެ ކޮމިޝަނަށް ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ.
އަދި މިމަހުގެ 8ވަނަ ދުވަހު ބޭއްވި އެ ކޮމިޝަނުގެ ޖަލްސާގައި ގާޒީ ފައްޔާޒް ޝާތިރު އާއި ގުޅޭ މި މައްސަލަ ސުލޫކީ މައްސަލައެއްގެ ގޮތުގައި ބެލުމަށް ނިންމާފައިވާ ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.
މި މައްސަލަ ބެލުމަށް ޖޭއެސްސީން ވަނީ ކޮމިޓީއެއް ކަނޑައަޅާފައެވެ.