އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އާއި ގުޅިގެން 60 ޝަކުވާ ހުށަހަޅާފައިވާ ކަމަށް އެމްޑީޕީ އިން ބުނެފިއެވެ.
ރިޔާސީ ޕްރައިމަރީއާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން، އެމްޑީޕީގެ އިންތިހާބީ ކަންތައްތަކާ ބެހޭ ކޮމިޓީގެ މެމްބަރު އަނަސް އަބުދުއްސައްތާރު މިއަދު ވިދާޅުވީ، އިއްޔެ ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ގުޅިގެން މިހާތަނަށް 60 ޝަކުވާ ހުށަހަޅާފައިވާ ކަމަށާއި އެހެންނަމަވެސް،ވަގުތީ ނަތީޖާއަށް ބަދަލު އަންނަ ވަރުގެ ޝަކުވާއެއް ހުށަހަޅާފައި ނުވާ ކަމަށެވެ.
މީގެއިތުރުން އަނަސް ވިދާޅުވީ، ޕްރައިމަރީ އާއި ގުޅޭގޮތުން އޮންލައިންކޮންނާއި، ހޮޓްލައިން މެދުވެރިކޮށް ފުރުސަތު ހުޅުވައިލުމުން، އޮންލައިންކޮށް 50 ޝަކުވާ އަދި ހޮޓްލައިންކޮށް 10 ޝަކުވާ ލިބިފައިވާ ކަމަށެވެ.
ޕްރައިމަރީއާއި ގުޅޭގޮތުން ހުށަހަޅާފައިވަނީ ގިނައިން، ދާއިމީ އެޑްރެސް ބަދަލުވެފައިވާ މައްސަލަތައް ކަމަށް އެ ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެމުން އެމްޑީޕީގެ ޗެއާޕާސަންގެ ނާއިބު އިދާރީ އިބްރާހިމް ވަހީދު ވިދާޅުވިއެވެ.
މީގެއިތުރުން، ދިމާވި އިތުރު ބައެއް މައްސަލަތައް ފާހަގަކުރައްވައި ވޯޓު ގުނުމަށްޓަކައި ވޯޓު ކަރުދާސްތައް މޭޒުމައްޗަށް އަޅާފައިވަނިކޮށް އެތަކެތި، ބުރުވައިލި މައްސަލަތަކަކާއި ގދ. ގައްދޫ ހިމެނޭގޮތަށް ދެތިން ހިސާބެއްގައި ވޯޓު ފޮށި ފަޅާލައި ވޯޓު ކަރުދާސްތައް އިރައިލި މައްސަލަ ބޮޑެތި މައްސަލަތަކުގެ ގޮތުގައި ފާހަގަކުރެވުނު ކަމަަށްވެސް ވިދާޅުވިއެވެ.