ވޯޓު ފޮށިތަކަށް ވޯޓު ލާފައިވަނީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓާއި އެއްގޮތަށް ކަމަށާއި އެއްވެސް ފޮށްޓަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންނަށްވުރެ އިތުރަށް ވޯޓު ލާފައިނުވާކަމަށް އެމްޑީޕީގެ ޑެޕިޔުޓީ ޗެއަރޕަރަސަން އިބްރާހިމް ވަހީދު ވިދާޅުވެއްޖެއެވެ.
ޕްރައިމަރީގެ ވޯޓަށްފަހު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަހީދު ވިދާޅުވީ ނަތީޖާއަށް ބަދަލު އަންނަ ފަދަ އަދި އަލުން ވޯޓު ލާންޖެހޭ ފަދަ ހާލަތެއް އައިސްފައިނުވާކަމަށެވެ.
ވަހީދު ވިދާޅުވީ މިފަދަ މައްސަލަތައް ދިމާވެފައިވަނީ ރީރެޖިސްޓަރ ކުރުމަށް އެމްޑީޕީން ހުޅުވާނުލާތީކަމަށެވެ. އެހެންކަމުން މެމްބަރުން ވޯޓު ލަނީ ރަށުގައި ހުރި ފޮއްޓަށްކަން ނުވަތަ މާލޭގައި ހުރި ފޮއްޓަށްކަން ޔަގީންވެފައިނުވާކަމަށް ވަހީދު ވިދާޅުވިއެވެ.
ކޮންމެ ފޮއްޓަކަށްވެސް ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދު ކަނޑައެޅީ 2021 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބަށް އިލެކްޝަންސް ކޮމިޝަނުން އެކުލަވާލި ލިސްޓާއި އަޅާ ކިޔުމަށްފަހު ކަމަށް ވަހީދު ވިދާޅުވިއެވެ. އެހެންކަމުން އެއީ އަންދާޒާ އަދަދެއްކަމަށާއިކޮންމެ ފޮއްޓަކަށްވެސް ވޯޓު ކަރުދާސް ފޮނުވީ އީސީގެ 2021 ވަނަ އަހަރުގެ ލިސްޓާއި އެއްގޮތަށްކަމަށް ވިދާޅުވިއެވެ.
އެގޮތަށް ކަންކުރުމުން ރަށްރަށަށް ފޮނުވި ވޯޓު ކަރުދާސްތައް މަދުވެ، އަލުން ފޮނުވަން ޖެހުނު ކަމަށް ވިދާޅުވިއެވެ. އެގޮތަށް އެކަން ކުރީ ދެ މަންދޫބުންގެ ހާޒިރުގައި އެބޭފުޅުންވެސް އެގޮތަށް ބޭނުންވެގެންކަމަށް ވިދާޅުވިއެވެ.
އެހެންކަމުން އިތުރަށް އެއްވެސް ވޯޓެއް ލުމުގެ ފުރުސަތު ނެތްކަމަށާއި ޕާޓީން އެކުލަވާލި ލިސްޓުގައި ތިބި މީހުންނަށްވުރެ ގިނައިން އެއްވެސް ފޮއްޓަކަށް ވޯޓު ލާފައިނުވާ ކަމަށް ވިދާޅުވިއެވެ.
މިފަދަ ކަންކަމަށް ބަލައި ދެން އިންތިހާބަކަށް ރީ ރަޖިސްޓަރވުމުގެ ފުރުސަތު ހުޅުވާލުމަށް އިންތިހާބާއި ބެހޭ ކޮމެޓީން ލަފާދޭނެކަމަށްވެސް ޑެޕިޔުޓީ ޗެއަރޕަރސަން ވިދާޅުވިއެވެ.