ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ އެގްޒެކެޓިވް ބޯޑު ޕްރޮގްރާމް، ބަޖެޓް އަދި އެޑްމިނިސްޓްރޭޝަން ކޮމިޓީގެ 37 ވަނަ ބައްދަލުވުމުގެ ރިޔާސަތު ދިވެހި ރާއްޖެއިން ބަލަހައްޓައިފިއެވެ.
މިމަހުގެ 25 ން 27 އަށް، ސްވިޒަރލޭންޑުގެ ޖެނީވާގައި ކުރިއަށް ގެންދިޔަ ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ އެގްޒެކެޓިވް ބޯޑުގެ ޕްރޮގްރާމް، ބަޖެޓް އަދި އެޑްމިނިސްޓްރޭޝަން ކޮމިޓީގެ 37 ވަނަ ބައްދަލުވުމުގެ ރިޔާސަތު މިފަހަރު ބެލެހެއްޓެވީ ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ހެލްތުގެ ޑިރެކްޓަރ، އަލްފާޟިލާ ޢާއިޝަތު ރިޝްމީއެވެ.
މި ބައްދަލުވުމުގައި ޑަބްލިއުއެޗްއޯގެ ވެރިޔާ ޑެޓްރޮސް އަދަނޮމް ގެބްރިޔޭސަސް ވަނީ ރިޔާސަތު ބެލެހެއްޓެވި ރިޝްމީގެ ލީޑަރޝިޕަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މި ކޮމިޓީގެ މަސައްކަތަކީ ޑަބްލިއުއެޗްއޯ މާލީ ގޮތުން ދެމެހެއްޓެނިވި އިދާރާއަށް ހެދުމާއި، ޖަވާބުދާރީވުމުގައި އަދި އެ އިދާރާގެ ކާމިޔާބީއަށް މުހިންމު ބައްދަލުވުމެއް ކަމަށް ޓެޑްރޮސް ވިދާޅުވިއެވެ.
37th Meeting of the @WHO Programme, Budget & Administration Committee of the #EB152 started yesterday. This committee's work is crucial to WHO’s financial sustainability, accountability & its success. I thank the chair, Aishath Rishmee, for her leadership. https://t.co/SIkWAaQN2o pic.twitter.com/bOBz3CulXN
— Tedros Adhanom Ghebreyesus (@DrTedros) January 26, 2023
މިއީ، މި ކޮމިޓީގެ މެމްބަރު ޤައުމެއްގެ ގޮތުގައި، 2022 ވަނަ އަހަރުގެ މެއި މަހުން ފެށިގެން ކުރިއަށް އޮތް 2 އަހަރުގެ މުއްދަތަށް ދިވެހިރާއްޖެ ހޮވުނުފަހުން ކުރިއަށް ގެންދިޔަ ފުރަތަމަ ބައްދަލުވުމެވެ.
ޕްރޮގްރާމް، ބަޖެޓް އަދި އެޑްމިނިސްޓްރޭޝަން ކޮމިޓީއަކީ، ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ އިދާރީ އަދި މާލީ ކަންކަމާގުޅޭ މުހިންމު ނިންމުންތަކެއް ނިންމާ ކޮމިޓީއެކެވެ. މި އަހަރުގެ މި ބައްދަލުވުމުގައި ކޮމިޓީގެ 12 މެމްބަރު ޤައުމަކުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
މި ބައްދަލުވުމުގައި ޞިއްޙީދާއިރާގެ 2022-2023 އަދި 2024-2025 ގައި ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތަކުގެ ބަޖެޓާއި ބެހޭ މުހިއްމު ނިންމުންތަކެއް ނިންމައި، ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ އިންސާނީ ވަޞީލަތްތައް ބޭނުންކުރެވޭ ގޮތާމެދު މަޝްވަރާކުރެވި، ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ ބަޖެޓް އަދި އިވެލުއޭޝަން ރިޕޯޓުތައް ދިރާސާކޮށް، ޞިއްޙީ ދާއިރާގައި ޚާއްޞަކަމެއް ދޭންޖެހޭ ކަންކަން ފާހަގަކޮށް، ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ އިދާރީ ހިންގުމާއި އަދި ޖަމިއްޔާގެ ބަޖެޓާއި ގުޅުންހުރި ކަންކަމާއި މެދު ޤައުމުތަކުގެ މެދުގައި މަޝްވަރާކުރެވި ނިންމުންތައް ނިންމުނެވެ.
ޞިއްޙީ ދާއިރާގެ މިފަދަ މުހިންމު ނިންމުންތަކެއް ނިންމި ބައްދަލުވުމެއްގެ ރިޔާސަތު ބެލެހެއްޓުމުގެ ފުރުޞަތު ދިވެހިރާއްޖެއަށް ލިބިގެންދިޔުމަކީ، ޞިއްޙީ ދާއިރާގައިދިވެހިރާއްޖޭގެ ޙައިޞިއްޔަތާމެދު އިތުބާރުލިބި، ދިވެހިރާއްޖެއާ އެހެނިހެން ޤައުމުތަކާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދިޔަ ކަމެކެވެ.
އަދި ހަމައެހެންމެ، ދިވެހިރާއްޖެއަށް ލިބިގެންދިޔަ ވަރަށް ބޮޑު ޝަރަފެކެވެ. ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޯސް ވަނީ، މި ބައްދަލުވުން ޗެއަރކުރެއްވި އަލްފާޟިލާ ޢާއިޝަތު ރިޝްމީގެ މަސައްކަތްތައް ފާހަގަ ކުރައްވާ، މި ބައްދަލުވުން ކުރިއަށް ގެންދިޔަގޮތާއިމެދު ތަޢުރީފުކުރައްވާ، ރިޝްމީއަށާއި ދިވެހިރާއްޖެއަށް ޙާއްސަ ޝުކުރެއް ދަންނަވާފައެވެ.