އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ނަތީޖާގައި މައްސަލަތަކެއް ހުރިކަމަށް ބުނެ ނަތީޖާ ޝީޓުތައް ބަލާ ދިރާސާ ކުރަމުންދާ ކަމަށް ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން ޓީމުން ބުނެފިއެވެ.
'ފިކުރެއްގެ ދިރުން' ލެޓާ ހެޑްގައި ނެރެފައިވާ ބަޔާނެއްގައި ރައީސް ނަޝީދުގެ ކެމްޕޭން ޓީމުން ބުނެފައިވަނީ ގިނަ ވޯޓޫ ފޮށިތަކުން ރައިސް ނަޝީދު އުޅުއްވަނީ ކުރީގައި ކަމަށެވެ. އެހެންނަމަވެސް ވާދަވެރިޔާ އިބްރާހިމް މުހައްމަދު ސޯލިހު ކުރިހޯއްދަވާފައިވަނީ އާދަޔާ ހިލާފަށް ވޯޓުލާފައިވާ މަދު ފޮށިތަކެއްގެ ސަބަބުން ކަމަށެވެ.
މިއަދު ހެނދުނު 9:00 ން ހަވީރު 17:00 އާއި ހަމައަށް ކުރިޔަށް ގެންދިޔަ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ނިމި ވޯތު ފޮށިތަކުގެ ނަތީޖާތައް އިއުލާނު ކުރަމުން އަންނަ އިރު މިހާތަނަށް ގުނިފައިވާ ވޯޓު ފޮށިތަކުގެ ޖުމްލަ ނަތީޖާގެ 61 އިންސައްތައިން ކުރި ހޯއްދަވާފައިވަނީ ކެންޑިޑޭޓް ނަމްބަރު 2، ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
ރައީސް ނަޝީދަށް ލިބިވަޑައިގެންފައިވާކަމަށް ވަގުތީ ނަތީޖާއިން އަދި ދައްކަނީ 39 އިންސައްތަ ވޯޓެވެ. އަދި ބައެއް ފޮށިތަކުގެ ނަތީޖާ އިއުލާނުކޮށްފައިނުވާތީ މި ނަތީޖާއަށް ބަދަލު އަންނާނެއެވެ. އެހެންނަމަވެސް ބޮޑު ތަފާތަކުން ކުރީގައި އުޅުއްވަނީ ރައީސް ސޯލިހު ކަމުން ޕްރައިމަރީ ކާމިޔާބު ކުރައްވާނެ ކަމަށް ބެލެވެނީ ރައީސް ސޯލިހެވެ.