ގައުމު ހަމަޖެހުމާއި ސުލްހަ މަސަލަސްކަމާއި އެކު ކުރިޔަށް ގެންދެވޭނީ މިއަދު އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކަމަށް ޕްރޮފެސަރ އުގެއިލް ވިދާޅުވެއްޖެ އެވެ.
މިއަދު ކުރިޔަށްދިޔަ ރިޔާސީ ޕްރައިމަރީގެ ވަގުތީ ނަތީޖާއިން ރައީސް ސޯލިހު ކުރި ހޯއްދާވާފައިވާތީ އުގެއިލް ވަނީ އެމަނިކުފާނަށް މަރުހަބާ ދަންނަވާފައެވެ.
އުގެއިލް ވިދާޅުވީ އެމްޑީޕީ އަކީ ރާއްޖޭގެ ސިޔާސީމަޝްރަހުގައި އެންމެ މުހިންމު ޕާޓީ ކަމަށާއި ސުލްހަވެރިކަމާއެކު ދެމި އޮތުމަކީ ރާއްޖެއަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ.
މިއަދު ކުރިޔަށް ދިޔަ އެމްޑީޕީގެ ވާދަވެރި ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހު ވަނީ ވަގުތީ ނަތީޖާއިން ބޮޑު ތަފާތަކުން ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރި ހޯއްދަވާފައެވެ.
ވަގުތީ ނަތީޖާ ދައްކާގޮތުން ރައީސް ސޯލިހު ވަނީ 18831 ވޯޓު ހޯއްދަވާ ވޯޓުގެ 61 އިންސައްތައިން ކުރި ހޯއްދަވާފައެވެ.
ރައީސް ނަޝީދަށް ލިބިވަޑައިގެންނެވީ 11833 ވޯޓެވެ. އެއީ ޖުމްލަ ވޯޓުގެ 39 އިންސައްތައެވެ.
އެމްޑީޕީގެ ޕްރައިމަރީގެ ކަންކަން އިންތިޒާމް ކުރާ ކޮމިޓީން ބުނީ ޕްރައިމަރީގެ ވަގުތީ ނަތީޖާ މިރޭ 22:00 ގެ ކުރިން އިއުލާނު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.