އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ވޯޓްލުން ބަންދުކޮށް ވޯޓް ގުނުމަށްފަހު ބައެއް ފޮށިތަކުގެ ނަތީޖާ އިއުލާން ކުރަން ފަށައިފިއެވެ.
ބައެއް މަރުކަޒުތަކުގައި ވޯޓު ގުނުމުގެ މަސައްކަތް ފެށި ނަމަވެސް ބައެއް މަރުކަޒުތަކުގައި ވަގުތު ހަމަވިއިރު ވެސް ބައެއް މީހުން ވޯޓުލާން ކިޔުގައި ތިބުމުން އެފަދަ މީހުން އަދިވެސް ދަނީ ވޯޓުލަމުންނެވެ. ވަގުތު ހަމަވިިއިރު 30،000 އެއްހާ މީހުން ވޯޓުލާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފު ވަނީ ވ.ރަކީދޫ އަދި އއ.ބޮޑުފޮޅުދޫގެ ވަގުތީ ނަތީޖާ ފޭސްބުކްގައި ހިއްސާކުރައްވާއެވެ. އެގޮތުން ރަކީދޫއިން ރައީސް ނަޝީދަށް ލިބިފައިވަނީ 1 ވޯޓެވެ. އަދި ރައީސް ޞާލިހަށް ލިބުނީ 7 ވޯޓެވެ.
ބޮޑުފޮޅަދޫ އިން ރައީސް ނަޝީދަށް އެންމެ ވޯޓެއް ވެސް ލިބިފައި ނުވާއިރު، ރައީސް ޞާލިހަށް ވަނީ 27 ވޯޓް ލިބިފައެވެ.
އިންތިހާބުގައި ވޯޓުލުން ފަށާފައިވަނީ މިއަދު ހެނދުނު 9:00 ގައެވެ. ނަމަވެސް ބައެއް ރަށްތަކުގައި ވޯޓުލުން ފަށާފައިވަނީ ލަހުންނެވެ. ވޯޓު ލުމުގެ ފަހުގެ ވަގުތަކަށް ކަނޑައަޅާފައިވަނީ ހަވީރު 5:00 އެވެ.
ރައީސް އިބޫގެ ކެމްޕޭން ޓީމުން ބުނެފައިވާ ގޮތުން އެމަނިކުފާނު 67 އިންސައްތައިން މި އިންތިހާބު ކާމިޔާބު ކުރައްވާނެއެވެ. އަދި ޓީމުން ވަނީ ރައީސް އިބޫއަށް މަރުހަބާވެސް ކިޔާފައެވެ.
މިއީ އެމްޑީޕީގެ ހަޔާތުގައި އެ ޕާޓީން ބާއްވާ އެންމެ ވާދަވެރި އިންތިހާބެވެ.