މިއަދު ކުރިއަށް ގެންދާ އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ވޯޓްލުން ނިންމަން ކަނޑައަޅާފައިވާ ވަގުތު ހަމަވިއިރު ވޯޓުލުން ނިންމާ ގިނަ ފޮށިތަކެއް ބަންދުކޮށްފިއެވެ.
އެގޮތުން އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވޯޓްލުމުގެ ހައްގު ލިބިފައިވާ މީހުން ވޯޓްލައި ނިމިފައިވާ ފޮށިތައް މިހާރު ވަނީ ބަންދުކޮށްފައިއެވެ. ވޯޓްލުން ބަންދުކޮށްފައިވާ ފޮށިތަކުގެ ތެރޭގައި، ދިއްދޫ، ކެލާ، އިހަވަންދޫ، ކުޅުދުއްފުށި މާލޭގައި ބަހައްޓާފައި ހުރި ވޯޓް ފޮށިތައް ހިމެނެއެވެ. އަދި ގިނަ ރަށްރަށުގެ ވޯޓު ފޮށިތައްވެސް ވަނީ ބަންދުކޮށްފައެވެ.
އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން އޮތީ މިއަދު ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ. އެކަމަކު، ގިނަ ތަންތަނުން ނުވައެއް ޖެހި އިރު ވެސް ވޯޓުލުން ފަށާފައެއް ނުވެއެވެ.
އިންތިޚާބުގައި އެމްޑީޕީގެ 57،255 މެންބަރުންނަށް ވޯޓުލެވޭނެއެވެ. އެމްޑީޕީން އާއްމުކޮށްފައިވާ ގޮތުގައި ޕްރައިމަރީގައި ވޯޓުލުމަށް މުޅި ޖުމްލަ 243 ވޯޓު ފޮއްޓެއް ވަނީ ބަހައްޓައިފައެވެ. އެއީ މާލޭގައި 49 ވޯޓު ފޮއްޓާއި ހުޅުމާލޭގައި އެއް ފޮށި އަދި ވިލިމާލޭގައި އެއް ފޮއްޓާއި އަދި އަތޮޅުތެރޭގައި ބަހައްޓާފައިވާ 194 ފޮއްޓެވެ.