ރ.ދުވާފަރު އަދި ބ.ދަރަވަންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއުގައި ސޮއިކޮށްފިއެވެ.
މީޑިއާތަކަށް މައުލޫމާތު ދެމުން ޕްލޭނިންގް މިނިސްޓްރީ އިން ބުނެފައިވަނީ ދުވާފަރު އަދި ދަރަވަންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ(އެމްޓީސީސީ) އާއި ހަވާލުކޮށް މިއަދު އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ.
އެގޮތުން، ދުވާފަރުގެ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއުގެ ދަށުން ބަނދަރު ފުން ކުރުމުގެ މަސައްކަތާއި އަދި 1.5x150 މީޓަރުގެ ކޮންކްރީޓް ޖެޓިއެއް ހެދުމުގެ މަސައްކަތް ވެސް ހިމެނޭ ކަމަށެވެ. ދުވާފަރު ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތަކީ ދައުލަތުގެ ބަޖެޓުން 11،438،118.00 ރުފިޔާ ހަރަދުކޮށްގެން ހިންގާ މަޝްރޫއުއެކެވެ.
މީގެއިތުރުން، ދަރަވަންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއުގެ ދަށުން، އެރަށު ބަނދަރު ފުން ކުރުމުގެ މަސައްކަތާއި، އަލަށް އިތުރުކުރެވޭ ބަނދަރުގެ ބޭސިން ފުންކުރުމުގެ މަސައްކަތާއި، 352 މީޓަރ ބޮޑުހިލައިގެ ބޭރުތޮށި ޖެހުމާއި، 83 މީޓަރ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުން ހިމެނެއެވެ. މީގެއިތުރުން، 24 މީޓަރ ބޮޑުހިލައިގެ ގްރޮއިން ޖެހުމާއި ،248 މީޓަރ އެއްގަމު ތޮށި ޖެހުމާއި، 248 މީޓަރ ސްކޯރިންގ އެޕްރޮން ޖެހުމާއި، 2 ނެވިގޭޝަނަލް އެއިޑް ޤާއިމްކުރުމާއި، 74 މރިންގ ރިންގް ހަރުކުރުން ހިމެނެއެވެ.
އެ ދެ ކޮންޓްރެކްޓްގައު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލާ ފާތިމަތު ޝާނާ ފާރޫޤުއެވެ. އަދި، މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލް އާދަމް އާޒިމްއެވެ.