އައްޑޫ ސިޓީ ހިތަދޫ އަދި ގއ.ވިލިނގިލީގެ ނަރުދަމާގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ޕްލޭނިންގް މިނިސްޓްރީން ބުނެފައިވަނީ، ސ. ހިތަދޫ އަލަށް އާބާދުވާ ސަރަހައްދުގައި ފެނާއި ނަރުދަމާ ޤާއިމުކުރުމުގެ އެއްބަސްވުމާއި އަދި ގއ.ވިލިނގިލީ އަލަށް އާބާދުވާ ސަރަހައްދުގައި ނަރުދަމާ ނިޒާމް ގާއިމުކުރުމުގެ އެއްބަސްވުމުގައި މިއަދު ފެނަކަ ކޯޕަރޭޝަނާއިއެކު ސޮއި ކޮށްފައިވާ ކަމަށެވެ.
އެ މަޝްރޫއުގެ ދަށުން، ހިތަދޫގެ އަލަށް އާބާދުވާ ސަރަހައްދުގައި ފެނާއި ނަރުދަމާ ހޮޅި އެޅުމާއި، ނަރުދަމާ ޖަންކްޝަން ބެހެއްޓުމާއި އަދި ފެނުގެ ވިއުގައެއް އެޅުމާއި ފެން މީޓަރުތައް ބަހައްޓާ، މިހާރު އައްޑޫ ހިތަދޫގައި ދެމުންދާ ފެނާއި ނަރުދަމާ ނިޒާމާއި ގުޅާލުން ހިމެނޭ ކަމަށްވެސް އެ މިނިސްޓްރީ އިން ވަނީ ބުނެފައެވެ.
މީގެއިތުރުން، ވިލިނގިލި އަލަށް އާބާދުވި ސަރަހައްދު އަދި ހިއްކި ބިމުގައި ނަރުދަމާ ހޮޅި އެޅުމާއި، ޕަންޕް ސްޓޭޝަން ބެހެއްޓުމާއި ،ނަރުދަމާ ޖަންކްޝަން ބެހެއްޓުމާއި އަދި ސީ އައުޓްފޯލް އެއް އެޅުން ހިމެނެއެވެ.
މި ދެ ކޮންޓްރެކްޓްގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލާ ފާތިމަތު ޝާނާ ފާރޫޤު އެވެ. ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އަހުމަދު ސައީދު މުހައްމަދުއެވެ.