އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ މަރުކަޒެއް ހިންގުމަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މިއަދު ހުޅުވާލައިފި އެވެ.
މާލެއާއި އެހެން ބައެއް ސަރަހައްދުތަކުގައި ޢުމުރުން ދުވަސްވީ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުން ބެލުމަށް ޚާއްޞަ މަރުކަޒުތަކެއް އެޅުމަށް ސަރުކާރުން ވަނީ ޕްލޭންކޮށްފައެވެ. އެގޮތުން މާލެ ސަރަޙައްދުގައި އެންމެ ޒަމާނީ ވަޞީލަތްތަކާއެކު އެފަދަ މަރުކަޒެއް ތަރައްޤީކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީއިން ވަނީ ނިންމާފައެވެ.
އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބިން ކުއްޔަށް ނަގައިގެން، ނާސިން ހޯމްއަކާއި ޑިސްއެބިލިޓީ މެނޭޖުމަންޓް ސެންޓަރެއް ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ.
އެޗްޑީސީން ވަނީ އަންނަ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހުގެ ކުރިން އީމެއިލް މެދުވެރިކޮށް ނުވަތަ އެޗްޑީސީއަށް އެޑްރެސްކޮށް ޕްރޮޕޯސަލްތައް ހުށައެޅުމުގެ ފުރުޞަތުވަނީ ހުޅުވާލާފައެވެ. އަދި ޕްރޮޕޯސަލްތައް އިވެލުއޭޓުކުރާއިރު ކުންފުނީގެ މާލީ ގާބިލިއްޔަތުކަމަށާއި ވިޔަފާރި ހިންގަން ހުށަހަޅާ ގޮތާ އަދި އެ ކުންފުންޏެއްގެ ތަޖުރިބާއަށް ބަލާނެ ކަމަށެވެ.
އެޗްޑީސީން ބުނީ އުމުރުން ދުވަސްވީ މީހުން ބެލުމަށް މަރުކަޒަކާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ މަރުކަޒު ހިންގަން ބިން ދޭން ނިންމާފައިވަނީ ކުއްޔަށް ކަމަށް ވިޔަސް، ދެ ފަރާތަށް އެންމެ ފައިދާވާނެހެން އިތުރު މޮޑެލްތަކަށް ވެސް ޕްރޮޕޯސަލް ހުށަހެޅޭނެ ކަމަށެވެ.
އެޗްޑީސީން ބުނީ މިމަރުކަޒަކީ ދުނިޔޭގެ ބޮޑެތި ޤައުމުތަކުގައި ހުންނަ ފެންވަރަށް ތަރައްޤީކުރާ މަރުކަޒެއްކަމަށް އެޗްޑީސީއިން ވިދާޅުވެއެވެ.