މާލޭ ވިޔަފާރި ބަނދަރު -- ފޮޓޯ: އެމްޕީއެލް

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރާއްޖެއަށް 5.6 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ކަސްޓަމްސް އިން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި ފާއިތުވި ޑިސެމްބަރ މަހު ރާއްޖެއަށް އިމްޕޯޓް ކުރި މުދަލުގެ ސީ.އައި.އެފް އަގު 2021 ވަނަ އަހަރުގެ އެމުއްދަތާ އަޅާބަލާއިރު 27 އިންސައްތަ ވަނީ އިތުރުވެފައެވެ. 2021 ވަނަ އަހަރުގެ ޑިސެމްބަރ މަހު ރާއްޖެއަށް 4.4 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މިދިޔަ އަހަރުގެ ޑިސެމްބަރ މަހު މި ޢަދަދުވަނީ 5.6 ބިލިއަން ރުފިޔާ އަށް އިތުރުވެފަ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

މީގެއިތުރުން، ފާއިތުވި ޑިސެމްބަރ މަހު ދައުލަތަށް ލިބުނު އާމްދަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހާ އަޅާބަލާއިރު 2 އިންސައްތަ ދަށްވެފައިވާ ކަމަށްވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.
ކަސްޓަމްސް އިން ބުނީ 2021 ވަނަ އަހަރުގެ ޑިސެމްބަރ މަހު އިމްޕޯޓް އެކްސްޕޯޓުން، 364 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ ޑިސެމްބަރ މަހު މި ޢަދަދުވަނީ 356 މިލިއަން ރުފިޔާއަށް ދަށްވެފައި ކަމަށެވެ.

މިދިޔަމަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ، ފަރަންސޭސިވިލާތް، އޮމާން، އިންޑިއާ، ސިންގަޕޫރު އަދި ޗައިނާއެވެ. ފަރަންސޭސިވިލާތުން 766 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، އޮމާނުން 754 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. މީގެއިތުރުން އިންޑިއާއިން 724 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. ސިންގަޕޫރުން 694 މިލިއަން ރުފިޔާގެ މުދާ އަދި ޗައިނާއިން 532 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓް ކޮށްފައިވަނީ ތައިލެންޑާއި ޖަރުމަނާއި އިނގިރޭސިވިލާތާއި އެމެރިކާ އަދި ފަރަންސޭސިވިލާތަށެވެ. ރާއްޖެއިން އެންމެ ގިނަ އަދަދަކަށް އެކްސްޕޯޓްކޮށްފައިވަނީ ގަނޑުކުރި ކަނޑުމަހުގެ ބާވަތްތަކެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރޯޔަލްޓީގެ ގޮތުގައި 1،235،987.73 ވަނީ ލިބިފައިވާއިރު ރާއްޖެއަށް މުދާ ހިފައިގެން 123 އުޅަނދެއް އައިސްފައިވެއެވެ. އަދި 115 އުޅަނދެއް ފުރާފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *