މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ން ރައްޔިތުން މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނިހާނާއި އޭނާގެ ބޭބެ އިނާން ހުސެއިންމަނިކް ނަގާފައިވާ ފައިނޭންސިން ފެސިލިޓީއަކަށް ފައިސާ ނުދައްކައިގެން އެމީހުންނާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާ ކުރުމުން އެ ދަރަނި ދައްކައިފިއެވެ.
ސިވިލް ކޯޓުން ބުނީ ނިހާން އާއި އިނާންގެ މައްޗަށް ކޮށްފައިވާ ދައުވާ އިތުރަށް ކުރިޔަށް ނުގެންދިޔުމަށް ނިންމާފައިވަނީ އެ ބޭންކުން ހޯދުމަށް އެދިފައިވާ ފައިސާ އެކުގައި ދައްކާ، ޚަލާސް ކޮށްފައިވާ ކަމަށް ބުނެ، އެމްއައިބީން އެ ދައުވާ އަނބުރާ ގެންދިޔުމަށް އެދިފައިވާތީ ކަމަށެވެ.
އެމްއައިބީން ނިހާންއާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ވަނީ، ޕްރޮޕަޓީ ފައިނޭންސިން ލޯނުގެ ފައިސާ އެއްބަސްވުމާ އެއްގޮތަށް ނިހާން އަދާކުރަމުންނުދާތީ، އެ ލޯނަށް މަހުން މަހަށް އަރާ "މަންތްލީ ރެންޓަލް" ފައިސާ އާއި ޗެރިޓީގެ ގޮތުގައި އަރަމުންދާ ފައިސާ އެކީ އެއްފަހަރާ ދެއްކުމަށް ނިހާންގެ މައްޗަށް އަމުރުކޮށް ދިނުމަށް އެދޭ ކަމަށެވެ. ފައިސާ އެއްކޮށް ނުދެއްކޭނަމަ، ލޯނު ނެގުމަށް ރަހުނު ކޮށްފައިވާ ނިހާންގެ ޕްލެޓިނަމް ރެސިޑެންސް ފުލެޓް ވިއްކާލުމުގެ ހުއްދަ އެމްއައިބީއަށް ދިނުމަށްވެސް ކޯޓުގައި އެދުނެވެ.
ނަމަވެސް އެ މައްސަލަ ކޯޓަށް ހުށަހަޅާފައިވަނިކޮށް އެ ފެސިލިޓީގެ ދަށުން ދައްކަން ޖެހޭ ހުރިހާ ފައިސާއެއް ނިހާންއާއި އިނާން ދެއްކުމުން، އެމްއައިބީން ވަނީ މައްސަލަ އަނބުރާ ގެންދަން ކޯޓުގައި އެދިފައެވެ. ވުމާއެކު އެ މައްސަލަ ބާތިލު ކުރުމަށް ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.