ފުރާވަރު ކުދިން އަމިއްލަ ނަފްސަށް ކުރާ އިތުބާރު ކުޑަވުމަކީ މިއަދު މި މުޖްތަމައުއަށް ވެސް ދިމާވެފައިވާ ބޮޑު ގޮންޖެހުމެކެވެ. މާދަމާ މަތީ މަގާމުތަކުގައި ތިބެގެން، ގައުމު ހިންގަން ތިބި ޒުވާނުން އަމިއްލަ ނަފްސަށް އިތުރުބާރު ކުރާ މިންވަރު ކުޑަވެ ދިރިއުޅުމުގައި ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ފަހަތަށް ނެގުމަކީ ވިސްނާލަން ޖެހޭ ކަމެކެވެ. އެހެންކަމުން، އެކުދިން އަމިއްލަ ނަފްސަށް އިތުބާރު ނުކުރަންވީ ސަބަބުތައް ދެނެގަތުމަކީ، އެކަމަށް ހައްލެއް ހޯދައި ދިނުމަށް ކުރެވިދާނެ ފުރަތަމަ ކަންތަކެވެ.

ޝައްކެއްވެސްނެތެވެ. އެއްވެސް އިންސާނަކީ ފުރިހަމަ މީހެއް ނޫނެވެ. އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކީވެސް އެމީހެއްގެ ގައިގައި އުނި ސިފަތަކެއް ހުންނާނެ އަދި ކުށް ކުރެވޭނެ މީހެކެވެ. ހަމަފަދައިން، ފުރާވަރަށް އަޅަމުންދާ ކުދިންނަށް ބޮޑެތި މީހުންނަށް ވުރެ ގިނައިން ކުށްކުރެވިދާނެއެވެ. އެކުދިންނަށް ކުށެއް ކުރެވުމުން ރީތި ގޮތުގައި ވިސްނައިދީގެން އެކަން އިސްލާހްކޮށްދޭށެވެ. އެކުދިންނަށް ކުށެއް ކުރެވުމުން، އެންމެންގެ ތެރޭގައި އެކުދިން ލަދުގެންނެވުމާއި، އެއްޗެހި ކިޔުން ފަދަ ކަންކަން ކުރާނަމަ، މަޑު މަޑުން އެކުދިން އަމިއްލަ ނަފްސަށް ކުރާ އިތުބާރު ގެއްލެން ފަށާނެއެވެ. އެކުދިންނަކީ އެއްވެސް ކުށެއް ކުރުމުގެ ފުރުސަތެއް ނެތް ފުރިހަމަ ބަޔަކަށް ވާން ޖެހޭނެ ކަމުގެ އިހްސާސް ނުކޮށްދޭށެވެ. އެގޮތަށް އެކުދިންނަށް އިހްސާސް ކޮށްދޭނަމަ، އެކުދިންނަކީ ބޭކާރު ބައެއްގެ ގޮތުގައި ދެކެން ފަށާނެއެވެ. އޭގެ ބަދަލުގައި ކުރެވޭ ކުށްތަކުން ދަސްކޮށްގެން ދެވަނަ ފަހަރަށް އެކުށް ތަކުރާރު ނުކުރުމަށް ހިތްވަރުދޭށެވެ.

ފުރާ ވަރަށް އަޅައި ކުދިން އަމިއްލަ ނަފްސަށް ކުރާ އިތުބާރު ގެއްލުމަށް ދިމާވާ މައިގަނޑު އަނެއް ސަބަބަކީ ބޮޑެތި ހަގީގަތަކަށް ހެދުން އުނދަގޫ އުންމީދުތައް އެކުދިންގެ ފަރާތުން ކުރުމެވެ. އޭގެތެރޭގައި، މުބާރާތްތަކުން އެއްވަނަ ހާސިލުކުރުމާއި ކިޔެވުމުގައި މަތީ ވަނަތައް ހާސިލުކުރުން ހިމެނެއެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ ދަރިން ކިބައިން އުންމީދުތަކެއް ކުރާނެއެވެ. އެއީ މައްސަލައެއް ވެސް ނޫނެވެ. މައްސަލައަކަށް ވާ ހިސާބަކީ އެކުދިންނަށް ހާސިލު ނުވާނެ ފަދަ އުންމީދުތަކެއް ކުރުމެވެ. އެގޮތުން އެ އުންމީދުތައް ނުވަތަ ހުވަފެންތަކުގައި ކުލަ ޖެއްސުމަށް އެކުދިން ނުކުޅެދުމުން، އެކުދިންނަކީ އެއްވެސް ކަމެއް ނުވާ ބޭނުން ނުހިފޭ ކުދިންތަކެއްގެ ގޮތުގައި ދެކެން ފަށާނެއެވެ. އެއީ ވެސް ހަމަ ކުދިން އަމިއްލަ ނަފްސަށް ކުރާ އިތުބާރު ގެއްލޭ ކަމެކެވެ.

އަޅުގަނޑުމެންގެ މުޖްތަމައުން ވެސް އާއްމުކޮށް ފެނިގެންދާ އެއްކަމަކީ ފުރާވަރު ކުދިންނަށް އެކުދިންގެ އިހްސާސްތައް ކިޔައިދިނުމަށް ފުރުސަތު ނުދިނުމެވެ. ބައެއް މައިންބަފައިންނަށް ނުވަތަ އެކުދިންގެ ޒިންމާ ނަގައި ފަރާތްތަކަށް އެކުދިން ހިތުގައި އޮތީ ކޮން ވާހަކައެއް ތޯ ބަލައިނުލެވެއެވެ. އެކުދިންނަށް ވާހަކަދައްކަން ފުރުސަތު ނުދެވުމުގެ ސަބަބުން، އެކުދިން މީހުންގެ ތެރޭގައި އުޅޭއިރުވެސް ވާހަކަ ދައްކަން ޖެހިލުންވެއެވެ. އެކުދިން ދައްކާ ވާހަކަ އެއްވެސް މީހަކު ބަލައިނުގަންނާނޭ ހިތަށް އަރާނެއެވެ. އެކުދިންނަށް ކުށް ކުރެވުމުންވެސް ވާހަކަދައްކަން ފުރުސަތު ދޭށެވެ. އެކުދިން ބުނަން ބޭނުންވާ ވާހަކަތައް އަޑުނާހާ ގޮތް ނުނިންމާށެވެ.

އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް މަސައްކަތް ކުރާނެއެވެ. ފަހަރެއްގައި އަޅުގަނޑުމެން ކޮންމެ ދުވަހަކު ކަންކަން ހާސިލުކުރުމަށް ބުރަ މަސައްކަތް ކުރާ މިންވަރަށް ފުރާ ވަރަށް އަޅައި ކުދިންނަށް މަސައްކަތް ނުކުރެވިދާނެއެވެ. އެހެންނަމަވެސް، ކޮންމެ ކުއްޖަކުވެސް އެކުއްޖަކަށް ގާބިލުކަން ލިބިފައިވާ މިންވަރަކުން މަސައްކަތް ކުރާނެއެވެ. ކިތަންމެ ކުޑަ ކަމަކަށް ވިޔަސް އެކުދިން ކުރާ މަސައްކަތް ބަލައިގަންނަން ވާނެއެވެ. އެގޮތަށް ކަންތައް ކުރުމުން، އިތުރަށް މަސައްކަތް ކުރުމަށް އެކުދިންނަށް ހިތްވަރު ލިބިގެންދާނެއެވެ. އެކުދިން ހޯދާ ކާމިޔާބީތައް ފާހަގަކޮށް އަބަދުވެސް އެކުދިންނަށް ހިތްވަރު ދިނުމަށް ސަމާލުކަން ދޭށެވެ. އެގޮތަށް ކަންތައް ކުރުމުން އެކުދިން އަމިއްލަ ނަފްސަށް ކުރާ އިތުބާރު އިތުރުވެގެންދާނެއެވެ.

އަމިއްލަ ދަރިފުޅު އެހެން މީހުންގެ ދަރިންނާއި އަޅައި ކިޔުމަކީ ބައެއް މައިންބަފައިންނަށް ކުރެވޭ ކަމެކެވެ. އެއީ ހަގީގަތުގައި ހެދޭ ވަރަށް ބޮޑު ގޯހެކެވެ. ކުދިން އަމިއްލަ ނަފްސަށް ކުރާ އިތުބާރު އެންމެ ބޮޑަށް ގެއްލޭ އެއްކަމަކީ އެކުދިންނާއި އެހެން ކުދިންނާއި އަޅައި ކިޔުމެވެ. އެކުދިންނާއިއެކު އުޅޭ ކުދިން ކިޔެވުމުން މޮޅުވުމުން، ނުވަތަ އެކުދިންނަށް ވުރެ ކާމިޔާބު ވުމުން، އެކުދިންނާއި އަޅައި ނުކިޔާށެވެ. ކޮންމެ ކުއްޖަކީވެސް އެއްކުއްޖެއްގެ ޒާތުގައި މޮޅު އަދި ތަފާތު ކުއްޖެކެވެ.

0
0
0
0
1

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *