ދެ އަހަރު ދުވަހުގެ މެދު ކެނޑުމަކަށް ފަހު ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަންގަނާ ރަނޯއަތު ޓްވިޓަރ ބޭނުން ކުރަން ފަށައިފިއެވެ.
2021 ވަނަ އަހަރުގެ މެއިގަ ޓްވިޓަރ އިން ކަންގަނާގެ އެކައުންޓް ސަސްޕެންޑް ކުރީ މާގިނައިން ކަންގަނާ ޓްވިޓަރގެ އުސޫލުތަކާއި ހިލާފަށް ޓްވީޓް ކުރާތީއެވެ. އެގޮތުން ކަންގަނާގެ އެކައުންޓް ސަސްޕެންޑް ކުރީ ޓްވިޓަރގެ ނަފްރަތު ފެތުރުން ހުއްޓުމުގެ ޕޮލިސީއާއި މީހުންގެ އަބުރަށް އަރައިގަތުން ހުއްޓުވުމުގެ ޕޮލިސީގެ ދަށުންނެވެ. ކަންގަނާ ވަނީ ތަކުރާރުކޮށް ފިތުނައާއި ނަފްރަތު އުފެދުމަށް މަގުފަހިވާފަދަ ކޮމެންޓްތައް ކޮށްފައެވެ. އެކަމާއި ގުޅިގެން ގިނަ ބަޔަކު ވަނީ ކަންގަނާ އަށް ފާޑުވެސް ކިޔައިފައެވެ.
އެހެންނަމަވެސް، އެނބުރި ޓްވިޓަރ ބޭނުން ކުރަން ފެށިކަން އިއުލާން ކުރަމުން ކަންގަނާ އިއްޔެ ކުރި ޓްވީޓެއްގައި ބުނެފައިވަނީ ދުވަސްގަނޑަކަށް ފަހު އަނެއްކާވެސް ޓްވިޓަރ ބޭނުން ކުރެވެން ފެށޭތީ ހިތްހަމަޖެހޭ ކަމަށެވެ. ޓްވިޓަރ ބޭނުން ކުރަން ފެށުމަށް ފަހު، ކަންގަނާ ވަނީ އޭނާގެ ކުރިއަށް އޮތް ފިލްމު ކަމަށްވާ "އެމަޖެންސީ" އާއި ގުޅޭ މައުލޫމާތުތައް ސަޕޯޓަރުންނާއި ހިއްސާކޮށްފައެވެ.
ކަންގަނާ ބުނެފައިވަނީ އޭނާ ލީޑް ރޯލުން ފެނިގެންދާ ފިލްމު "އެމަޖެންސީ" މިއަހަރުގެ އޮކްޓޫބަރު މަހުގެ 20 ގައި ސިނަމާތަކުގައި ރިލީޒްކުރުމަށް ތާވަލު ކުރެވިފައިވާ ކަމަށެވެ. ކުރިއަށް އޮތް ތަނުގައި ކަންގަނާ ފެނިގެންދާނެ ފިލްމުތަކުގެ ތެރޭގައި "ތޭޖަސް" އަދި "މަނިކަރުނިކާ ރިޓާންސް" ހިމެނެއެވެ.