ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެއެވެ.
އެގޮތުން ގަން އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްގީކުރުމުގެ ބީލަން ކާމިޔާބު ކުރި ފަރާތަށް ނޮޓިފިކޭޝަން އޮފް އިންޓެންޝަން ޓު އެވޯޑް އިއްޔެ ހަވާލުކޮށްފައިވާއިރު، ފަސް ދުވަހުގެ ސްޓޭންޑްސްޓިލް މުއްދަތަށްފަހު، އެފަރާތަށް ރަސްމީކޮށް މަޝްރޫޢު އެވޯޑުކުރެވިގެންދާނެއެވެ.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލްޕްމެންޓް އިން ބުނެފައިވަނީ އިންޑިއާގެ އެގްޒިމް ބެންކުގެ ލޯނު އެހީގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ އެ މަޝްރޫޢުގެ ދަށުން އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭވަރުގެ ޒަމާނީ ވަޞީލަތްތަކާ އެކުގައި އެއަރޕޯޓުގެ ޓަރމިނަލް ތަރައްޤީކުރެވޭނެ ކަމަށެވެ.
މީގެ އިތުރުން ޑިއުޓީ ފްރީ ފިހާރަތަކާއި ރެސްޓޯރެންޓްތަކާއި ލައުންޖް ވަޞީލަތްތައްވެސް ތަރައްޤީ ކުރެވިގެންދާނެ ކަމަށާއި އަދި ވިޔަފާރި އަށާއި ފަތުރުވެރިކަމުގެ ސިނާއަތަށް ބޭނުންކުރުމަށް ކޯލްޑް ސްޓޯރޭޖަކާއެކު ކާގޯ ވަސީލަތްތައް ތަރައްޤީކުރެވިގެން ދާނެ ކަމަށް އެމިނިސްޓްރީ އިން ބުނެއެވެ. އާ ކޮންޓްރޯލް ޓަވަރަކާއި، ފަޔަރ ސްޓޭޝަނެއްވެސް މި މަޝްރޫޢުގެ ދަށުން ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.
އެއަރޕޯޓުގެ މަގުތަކާއި އެއަރޕޯޓްގެ ޕާކިން ސަރަހައްދުތައް ވެސް މި މަޝްރޫޢުގެ ތެރޭގައި ތަރައްޤީކުރުން ހިމެނެއެވެ.
އިކޮނޮމިކް މިނިސްޓްރީން އިތުރަށް ބުނީ އައްޑޫ ސިޓީގައި އިޤްތިޞާދީ ހަބެއް ޤާއިމުކުރުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ގެންގުޅުއްވާ ސިޔާސަތުތައް ތަންފީޒުވެގެން ދިޔުމުގައި ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު މުހިއްމު ދައުރެއް އަދާ ކުރާނެ ކަމަށެވެ.