ގާނޫނުގައި ބުނާ މިންވަރަށް މެމްބަރުން ހަމަނުވާތީ ޑީއާރުޕީ އުވާލަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމި މައްސަލަ އެ ޕާޓީން އިއްޔެ ހައި ކޯޓަށް ހުށަހަޅައިފިއެވެ.
މިދިޔަ މަހު އީސީން ބުނެފައިވަނީ، ސިޔާސީ ޕާޓީގެ ގާނޫނުގެ 12 ވަނަ މާއްދާއިން ސިޔާސީ ޕާޓީއެއް ވުޖޫދުގައި އޮތުމަށް ގާނޫނު ލާޒިމުކުރާ 3،000 މެންބަރުން ހަމަކުރުމަށް ޑީއާރުޕީއަށް ދިން ތިން މަސް ދުވަހުގެ މުއްދަތުގައި އެ އަދަދަށް މެންބަރުން ހަމަވެފައި ނުވާތީ ސިޔާސީ ޕާޓީގެ ގާނޫނުގެ 30 ވަނަ މާއްދާގެ ހ ގެ (1) ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން އެ ޕާޓީ އުވާލަން ނިންމައިފައިވާ ކަމަށެެވެ.
މިގޮތުން ޑީއާރްޕީގެ ނަމުގައި އެއްވެސް ސިޔާސީ ހަރަކާތެއް ނުހިންގުމަށާއި ސިޔާސީ ޕާޓީގެ ގާނޫނުގައި ބުނާ ގޮތުގެ މަތީން ޕާޓީ އުވާލުމުގެ އިޖުރާއާތު ފުރިހަމަކުރުމަށް އެ ޕާޓީއަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ލިޔުމުން އަންގާފައެވެ.
އެ ޕާޓީގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދައުވާގައި ބުނެފައި ވަނީ ޕާޓީގައި ތިބި 10،000އަށް ވުރެ ގިނަ މެންބަރުން އުސޫލާ ޚިލާފަށް ޕާޓީން ވަކިކޮށްފައިވާ ކަމަށެވެ. އަދި، އީސީގެ ނިންމުމުގެ ސަބަބުން ޕާޓީއާއި ޕާޓީގެ މެންބަރުންގެ ހައްގުތަކަށް ހުރަސް އެޅިފައިވާ ކަމަށާއި ގާނޫނުން ލިބިދީފައިވާ ހައްގަކަށް ހުރަސް އެޅުމަކީ ކުރެވިގެން ވާނެ ކަމެއް ނޫން ކަމަށެވެ.
އެހެންވެ، އީސީގެ ނިންމުން ބާތިލުކޮށް، ގަވާއިދާ ޚިލާފަށް ޕާޓީން ވަކިކޮށްފައިވާ 10،000އަށްވުރެ ގިނަ މެންބަރުން އަލުން ޕާޓީއަށް ރުޖޫއަކޮށްދޭން އެ ޕާޓީގެ ފަރާތުން ވަނީ އެދިފައެވެ.