ކުރީ ވެރިކަމުގެ ފަސް އަހަރަކީ ބިރުވެރި ފަސް އަހަރު ކަމަށާ މި ސަރުކާރުން ހަތަރު އަހަރުތެރޭ ހަމަޖެހުމާއި މިނިވަންކަން ގެނެސްދީފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އދ. ދަނގެއްޗަށް މިއަދު ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ފާއިތުވި ހަތަރު އަހަރުތެރޭ މުޅި ރާއްޖެ އަށް ހަމަޖެހުމާއި، މިނިވަންކަން ގެނެސްދެވިފައިވާ ކަމަށެވެ.

އޭގެކުރީ ފަސް އަހަރު ރައްޔިތުން ތަހައްމަލު ކުރީ އުނދަގޫ ދުވަސްތަކެއްކަން ފާހަގަކުރައްވާ ރައީސް ވަނީ ރާއްޖޭގެ އެއްވެސް ރައްޔިތަކު އެނބުރި އެ ދުވަސްތައް ދެކެން ބޭނުން ނުވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެ ބިރުވެރިކަން ތަހައްމަލު ކުރަން ވެސް ބޭނުން ނުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައްޔިތުންނަށް މިއަދު ކަންތައްތަކެއް ވަމުންދާތަން ފެންނަމުންދާ ކަމަށާއި މި ސަރުކާރުން ރަށްރަށުގެ ތަރައްގީއަށް މަސައްކަތްތަކެއް ކުރާކަން ރައްޔިތުންނަށް ޔަގީންވެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ގޮތެއް ނިންމާއިރު މިކަމާ މެދު ވިސްނުން ގެންގުޅުމަށް ރައީސް ވަނީ އިލްތިމާސްކުރައްވާފަ އެވެ.

ރައީސް ވަނީ ދަނގެތިވެސް ހިމެނޭހެން އެ ދާއިރާގެ ހުރިހާ ރަށެއްގައިވެސް ބަނދަރުތައް ތަރައްޤީކުރުމާއި ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށްދާކަމަށް ވިދާޅުވެފައެވެ. އަދި ދަނގެތީގައި ފެނުގެ ނިޒާމުގެ މަސައްކަތް ކުރިން ފެށިފައިވީނަމަވެސް އެކަން ރަނގަޅަށް ކުރެވިފައިނުވާތީ، އެ ދަތިކަން ރައްޔިތުންނަށް ޙައްލުކޮށްދީ، ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތްވެސް އެރަށުގައި ކުރަމުންދާކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން ބަނދަރު ބޮޑުކުރާއިރު ރަށުގެ އިންޑަސްޓްރިއަލް ޒޯނު، ބަނދަރު ބޭރުން ހިއްކާ ސަރަޙައްދަށް ބަދަލުކުރުމުގެ ވިސްނުން ކައުންސިލުން ގެންގުޅުއްވާކަމަށާއި، ބަނދަރު ބޮޑުކުރުމުގެ މަސައްކަތްކުރާއިރު، ކައުންސިލުން އެދޭގޮތަށް ރަށުގެ އިންޑަސްޓްރިއަލް ޒޯނު އެ ސަރަޙައްދަށް ބަދަލުކޮށްދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ދަނގެތީ ލޭންޑް ޔޫސް ޕްލޭންގައި ބިން ހިއްކުން ހިމަނާފައިވާކަން ފާހަގަކުރައްވާ، އެކަން ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ވަޢުދެއްގެގޮތުގައި ހިމަނުއްވާ ކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ކުރިއަށް މިއޮތް ރިޔާސީ އިންތިޚާބަކީ މުހިއްމު އިންތިޚާބެއްކަމަށެވެ. އަދި އެ އިންތިޚާބަކީ 2018 ގައި ރާއްޖެއަށް ހަމަޖެހުމާއި ސުލްހައާއި އަމާންކަން ޤާއިމުކުރުމަށްޓަކާ މި ގެނައި ބަދަލާއި، ރާއްޖޭގެ އެކި ކަންކޮޅުތުގައި އަސާސީ ޚިދުމަތްތައް ފޯރުކޮށްދީ މުޅި ރާއްޖެ ތަރައްޤީކުރުމަށްޓަކާ ފެށި މަސައްކަތް ކުރިއަށްގެންދިއުމަށްޓަކާ ލިބޭ ފުރުޞަތެއްކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *