ޕީޕީއެމް އާއި ޕީއެންސީ އިން މުޒާހަރާ ކުރާއިރު އެހެންމީހުންނަށް އުނދަގޫ ނުވާނެހެން މުޒާހަރާތައް ކުރިޔަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި މިއަދު އއ. މަޅޮހަށް ވަޑައިގެން އެމްޑީޕީ ހަރުގޭގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އިދިކޮޅުން ކުރާ މުޒާހަރާތައް ހުއްޓުވަން ބޭނުން ނުވާ ކަމަށާއި އެހެންނަމަވެސް އުނދަގޫ ނުކުރެެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ރައީސް ވިދާޅުވީ ހިޔާލު ފާޅުކުރުމާއި އެއްވެ އުޅުމަކީ ވެރިކަމަށް ވަޑައިގެންނެވިއިރު ރާއްޖޭގައި ބޮޑު ބިރެއްގެ ގޮތުގައި އޮތް ކަމެއް ކަމަށެވެ. އެހެންނަމަވެސް އެއްވެސް ހުރަހެއް ނެތި ހިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ދެއްވާފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ އެމީހަކު ފާޅުކުރާ ހިޔާލަކުން އެއްވެސް ބަޔަކަށް އުނދަގުލެއް ވެގެން ނުވާނެ ކަމަށެވެ.
ކެމްޕޭނުގައި ރައީސް ބައެއް ރަށް ރަށަށް ވަޑައިގަންނަވާއިރު އެމަނިކުފާނާއި ދެކޮޅަށް އިދިކޮލު ފަރާތްތަކުން ގެންދަނީ މުޒާހަރާ ކުރަމުންނެވެ. އަދި ބައެއް ފަހަރު އެމްޑީޕީގެ ސަޕޯޓަރުންނާއި މުހާތަބު ކުރައްވާއިރު ލައިޑް ސްޕީކަރު ބޭނުން ކޮށްގެން ރައީސްގެ އަޑު ނީވޭ ގޮތަށް އަޑުގަދަ ކުރަމުންވެސް ގެންދެއެވެ.
އަދި ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ މި ސަރުކާރަށް ޕްރެޝަރ ކުރުމުގެ ގޮތުން ޕީޕީއެމް އާއި ޕީއެންސީގެ ސަޕޯޓަރުން ގެންދަނީ އަޑު އުފުލަމުންނެވެ.