ނަޝީދަށް މަރުހަބާ ދެންނެވުމަށް ނުކުތް ޕީޕީއެމް މީހުން

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން ޖަލްސާތަކުގައާއި ނަޝީދަށް މަރުހަބާ ކިޔުމަށް ޕީޕީއެމް މީހުން ނުކުންނަމުންދާކަން ހާމަވެއްޖެއެވެ.

ރައީސް ނަޝީދަށް މަރުހަބާ ކިޔުމަށް ޕީޕީއެމް މީހުން ނުކުތުމަށް އެޕާޓީގެ ލީޑަރޝިޕުން އަންގަމުންދާކަން "ޖަޒީރާ"އަށް ވަނީ ޔަގީންވެފައެވެ.

ޕީޕީއެމް ލީޑަރޝިޕްގެ އިސް ބޭފުޅަކު ޖަޒީރާއަށް މައުލޫމާތު ދީފައިވާ ގޮތުގައި އައްޑޫސިޓީ، ފުވައްމުލައް ސިޓީ ގދ. ތިނަދޫ އަދި ގއ. ވިލިގިލީގައި އުޅޭ ޕީޕީއެމް ސަޕޯޓަރުން ވަނީ މިފަދައިން ކަންކޮށްފައެވެ. އަދި އެކަން ދޭހަވާފަދަ ފޮޓޯތަކެއްވެސް ސޯޝަލް މީޑިޔާގައި އަންނަނީ ދައުރުވަމުންނެވެ.

ނަޝީދަށް މަރުހަބާ ދެންނެވުމަށް ނުކުތް ޕީޕީއެމް މީހުން

ޕްރައިމަރީ ކެމްޕެއިންގެ ތެރޭގައިވެސް ރައީސް ނަޝީދު ދަނީ އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީނަށް ތައުރީފްކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ރައީސް ޔާމީނަކީ ތައުލީމީ، ވިސްނުންފުޅު ތޫނު އަދި ދުރު ވިސްނުން ގެންގުޅުއްވާ ބޭފުޅެއްކަމަށާއި އެހެންނަމަވެސް މިހާރުގެ ރައީސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ނިސްބަތްކޮށް އެފަދައިން ދެންނެވެން ނެތްކަމަށް ވިދާޅުވެފައެވެ.

އަދި އެމަނިކުފާނާއި ރައީސް ޔާމީނާއި އޮތް ހަމައެކަނި ހިޔާލު ތަފާތުވުމަކީ "އިންޑިޔާ އައުޓް" ކެމްޕެއިންކަމަށްވެސް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

ރައީސް ސޯލިހުވެސް ވަނީ ކެމްޕެއިން ޖަލްސާތަކުގައި ވާހަކަފުޅު ދައްކަވަމުން މިޕްރައިމަރީން ވަކި ނަތީޖާއެއް ނެރުމަށް އިދިކޮޅުން ބޭނުންވާ ކަމަށާއި އެކަމަށް މަސައްކަތް ކުރަމުންދާކަން ދޭހަވާފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ޕްރައިމަރީގައި އެހެން ޕާޓީތަކުގެ ކުލަ ޖެހެމުންދާ ކަމަށާއި ވަކި ނަތީޖާއެއް ނެރުމަށް އިދިކޮޅުން ބޭނުންވަނީ އިދިކޮޅަށް ރިޔާސީ އިންތިހާބުގައި ކުރި ލިބެން އޮތް ގޮތް އިދިކޮޅަށް ސާފުވާތީކަމަށް ރައީސް ސޯލިހު ވިދާޅުވެފައިވެއެވެ.

ރައީސްގެ ވާހަކަފުޅުތަކުގައި ރައީސް ނަޝީދަށް ރިޔާސީ ކެންޑިޑޭޓްކަން ލިބިއްޖެނަމަ އިދިކޮޅު ކޯލިޝަނަށް ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް ފަސޭހަވެގެންދާނެކަމަށް ދެކިލައްވާކަން ވަނީ ހާމަވެފައެވެ. އަދި އިދިކޮޅުން ޕްރައިމަރީގައި ރައީސް ނަޝީދު ކުރި ހޯއްދެވުމަށް ބޭނުންވަނީވެސް އެހެންވެކަމަށް ދޭހަވާގޮތަކަށް ރައީސް ވާހަކަފުޅު ދައްކަވާފައިވެއެވެ.

މީގެ އިތުރަށްވެސް ރައީސް ސޯލިހަށް ތާއީދުކުރައްވާތީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލަށާއި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިންއަށް އެމްޑީޕީ މެމްބަރުން ދިމާކޮށްފައިވެސްވެއެވެ.

މިނިސްޓަރ ފައްޔާޒްގެ އާއިލާ ބޭފުޅުންނާއި މަގުމަތިން ދިމާކޮށްފައިވާއިރު ހިސާން އާއިވެސް ތުޅާދޫގެ ޕީޕީމް މެމްބަރުންތަކެއް ވަނީ ދިމާކޮށްފައެވެ. އެމީހުން ދިމާކުރީ ނަޝީދަށް ހިސާނު ތާއީދު ނުކުރައްވާ ކަމަށް ބުނެއެވެ.

ހިސާނަކީ ފާއިތުވިތަނުގައި ރައީސް ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުގައި އެންމެ ބުރަކޮށް މަސައްކަތްކުރެއްވި ބޭފުޅާއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *