އަރިއަތޮޅަކީ ދައުލަތަށް އެންމެ ގިނައިން ޓެކްސް ފައިސާ ދައްކާ އަތޮޅުކަމަށާއި އެހެންނަމަވެސް އެންމެ ބޮޑަށް އިހުމާލުވެފައި އޮތް އަތޮޅަކީވެސް އެއީކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
"އެމްޑީޕީ ކުރިއަށް އިބޫ 2023" ކެމްޕެއިންގެ ތެރެއިން އއ. މާޅޮހުގައި އޮތް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އަރިއަތޮޅަކީ ޓުއަރިޒަމްގެ އެންމެ ބޮޑު ހަބު ކަމަށެވެ.
ދައުލަތަށް އެންމެ ގިނައިން ޓެކްސް ފައިސާ ދައްކާ އަތޮޅަކީ އއ އަތޮޅުކަމަށް ރައީސް ވިދާޅުވިއެވެ. އެހެންނަމަވެސް ފަތުރުވެރިކަމުގެ ދާއިރާއަށްވެސް 50 އަހަރުވެގެންދިޔައިރު އއ އަތޮޅަށް އެދެވޭ ކުރިއެރުމެއް ގެނެސްދިނުމަށް މަސައްކަތެއް ކުރެވިފައިނުވާކަމަށް ވިދާޅުވިއެވެ.
ވަކި ރަށެއް ބެލުމެއްނެތި ހުރިހާ ރަށަކާއި ރައްޔިތުންނަށް އަސާސީ ހައްގުތައް ފޯރުކޮށްދިނުމަކީ އެއިރެއްގައި އޮންނަ ސަރުކާރަކަށް ލާޒިމްކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.
އއ އަތޮޅުގެ ގިނަ ރަށްތަކަށް ސާފު ބޯފެނާއި ނަރުދަމާގެ ނިޒާމެއް ބޭނުންވާކަމަށާއި ގިނަ ރަށްތަކަކީ ލަފާފުރުން ދަތިކަން ކުރިމަތިވެފައިވާ ރަށްތަކެއްކަމަށް ވިދާޅުވިއެވެ.
ސިއްހީ ނިޒާމުވެސް އޮތީ ދަށް ހާލަތެއްގައި ކަމަށާއި އަމިއްލަ ރަށުގައި ތިބެގެން ރަނގަޅު އާމްދަނީއެއް ހޯދައި ދަރިންނަށް ތައުލީމު ފޯރުކޮށްދިނުމަށް ބޭނުންވާ އާއިލާތައް އެ އަތޮޅުގައިވެސް ގިނަކަން ރައީސް ފާހަގަކުރެއްވިއެވެ.
ޖަލްސާގައި މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރް ދެއްކެވި ވާހަކަފުޅަށް އިޝާރާތްކުރައްވާ ރައީސް ވަނީ 40 އަހަރުދުވަހުގެ ތެރޭ ނުކުރެވި ހުރި މަސައްކަތް 4 އަހަރުތެރޭ ކުރެވިފައިވާކަމަށް ވިދާޅުވެފައެވެ.
"އިހުމާލެއް ބަޔަކާ ދޭތެރޭ ވެވޭނީ މިވަރަށް"
ވެރިކަމާއި ހަވާލުވުމަށްފަހު ފުރަތަމަ ދުވަހުން ފެށިގެންވެސް މަސައްކަތް ފެށީ މިހެން ހުރި ރަށްރަށަށް ސަމާލުކަން ދިނުމަށްކަމަށް ރައީސް ވިދާޅުވިއެވެ. އަދި މަތިވެރި ދާއިރާއަށް މިހާތަނަށް ޖުމްލަ 202 މިލިއަން ރުފިޔާ ހޭދަކުރެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން މަތިވެރި ދާއިރާގެ ރައްޔިތުން ބޭނުންވާ ފަދައިން މަތިވެރި ބިން ހިއްކުން މިދައުރުގެ ތެރޭގައި ކުރެވިގެންދާނެކަމަށާއި މަތިވެރި ފިނޮޅު އެރަށު ރައްޔިތުންނާއި ހަވާލުކުރުމަށް އަންނަ ހަފްތާ ތެރޭގައި އޮންނަ އިކޮނޮމިކް ކައުންސިލުން ގޮތެއް ނިންމާނެކަމަށް ވިދާޅުވިއެވެ.
ބޮޑުފުޅަދޫ ބިންހިއްކުން މިހާރު ކޮންޓްރެކްޓްވެފައިވާއިރު ހިމަންދޫ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތްވެސް ކުރިއަށްގެންދަވާނެކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ދާއިރާގެ ފަސް ރަށަށް ޚާއްސަކޮށް އޭ ކެޓަގެރީގެ ސިއްހީ މަރުކަޒެއް ގާއިމްކޮށްދިނުމަށް ނިންމަވާފައިވާ ކަމަށާއި އެ ސިއްހީ މަރުކަޒު ގާއިމްކުރަނީ އެންމެ ގިނަ ބަޔަކަށް ފަސޭހަވާނެ ފަދައިން ރައްޔިތުން ނިންމަވާ ރަށެއްގައިކަމަށް ރައީސް ވިދާޅުވިއެވެ.