އައްޑޫ ސިޓީން 500 ގޯތި ދޫކުރުމަށް އިއުލާންކޮށްފިއެވެ.
ރޭގެ ވަގުތެއްގައި ގޯތި ދޫކުރުމަށް އިއުލާންކޮށްފައިވަނީ މީދޫ ހުޅުދޫ އަދި ފޭދޫއިންނެވެ. ފޭދޫއިން 300 ގޯތި ދޫކުރުމަށް ނިންމާފައިވާއިރު މީދޫ އަދި ހުޅުދޫއިން 100 ގޯތި ދިނުމަށް އިއުލާންކޮށްފައިވެއެވެ.
މިއިން ކޮންމެ އަވަށަކުންވެސް 90 އިންސައްތަ ގޯތި ދިނުމަށް ނިންމާފައިވަނީ އެ އަވަށެއްގެ ރައްޔިތުންނަށެވެ. އަދި ކޮންމެ އަވަށަކުންވެސް 10 އިންސައްތަ ގޯއްޗަށް އެހެން މީހުންނަށް ކުރިމަތިލެވޭގޮތަށް ވަނީ ހުޅުވާލާފައެވެ.
އެހެންކަމުން ފޭދޫއިން 30 ގޯއްޗަށް އަދި މީދޫ އާއި ހުޅުދޫއިން 10 ގޯއްޗަށް އެހެން އަވަށްތަކުގެ ރައްޔިތުންނަށް ކުރިމަތިލެވޭނެއެވެ.
ގޯއްޗަށް އެދޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ދެވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހާއި ހަމައަށް ކޮންމެ ދުވަހަކު ހެނދުނު 09:00އިން މެންދުރު 1:00އަށެވެ. ގޯއްޗަށް އެދި ހުށަހަޅާ ފޯމު ކޮންމެ އަވަށެއްގެވެސް އަވަށު އޮފީހުން ބަލައިގަންނާނެއެވެ.