އަމިއްލަ އިސްނެގުމަށް މައްސަަލަތައް ބެލިކަމުގައިވިޔަސް އެކަން ކުރަނީ ވަކި ޔުނިޓަކުން ނޫންކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބުނެފިއެވެ.
މީޑިޔާތަކަށް މައުލޫމާތުދެމުން އޭސީސީން ވަނީ އަމިއްލަ އިސްނެގުމަށް މައްސަލަތައް ބެލުމަށް އޭސީސީގައި ވަކި ޔުނިޓެއް އެފެއްދުމަށް ތައްޔާރުވަމުންދާކަމަށް ޕީޕީއެމް ޕީއެންސީން ބުނަމުންދާ ވާހަކަ ދޮގުކޮށްފައެވެ.
ޕީޕީއެމް ޕީއެންސީގެ ފަރާތުން ކޮމިޝަނުގެ މެންބަރުންނާއި މިއަދު ބައްދަލުކޮށް ދެކެވުނު ވާހަކަތަކުގެ ތެރެއިން "ސޯޝަލް މީޑިއާގައި އެކި ފަރާތްތަކުން ފާހަގަކުރާ ކޮރަޕްޝަންގެ މައްސަލަތައް/ތުހުމަތުތައް ބަލަން ޔުނިޓެއް ހަދަނީކަމަށް" ބައެއް މީޑިއާތަކުންވަނީ ރިޕޯޓްކޮށްފައެވެ.
އެހަބަރު ދޮގުކޮށް އޭސީސީން ބުނީ އޭސީސީގެ ކޮމިއުނިކޭޝަންގެ ކަންކަން މެނޭޖްކުރާ މުވައްޒަފުން ކުރިއްސުރެ މެއިންސްޓްރީމް މީޑިއާތަކާއި، ސޯޝަލް މީޑިއާގައި ހުންނަ ކޮރަޕްޝަނާއި ގުޅޭ މައްސަލަތަކާއި، ކުރެވޭ ތުހުމަތުތައް ބަލައި މޮނިޓަރކޮށް، ކޮމިޝަނުގެ ސަމާލުކަމަށް ގެނައުމުގެ މަސްޢޫލިއްޔަތު އަދާކުރަމުންދާ ކަމަށެވެ.
އަދި ކޮމިޝަނުގެ މުވައްޒަފުންވެސް ކޮމިޝަނުގެ ސަމާލުކަމަށް ގެންނަންޖެހޭ ކަންކަން ގެންނައިރު، އިންތިޚާބުތަކާއި ދިމާކޮށް ފުޅާދާއިރާއެއްގައި މިމަސައްކަތް ކުރަމުންދާކަމަށް އޭސީސީން ބުނެފައިވެއެވެ. އަދި އެކި މަންސަތަކުގައި އެކިފަރާތްތަކާމެދު ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކާއި ގުޅިގެން ކޮމިޝަނުގެ އަމިއްލަ އިސްނެގުމަށްވެސް މައްސަލަތައް ބަލަމުންގެންދާކަމަށް އޭސީސީން ބުނެއެވެ.
ދެންނެވި ކަންކަން މިހާރުވެސް އަދި ކުރިއަށް އޮތް ތަނުގައިވެސް އެގޮތުގައި އެކަން ކުރާނެކަމަށް އޭސީސީން ބުނެފައިވެއެވެ. އެހެންނަމަވެސް އެފަދަ ކަންކަން ބެލުމަށް އައު ޔުނިޓެއް ހަދަން އޭސީސީން މަސައްކަތްކުރަމުން ނުދާކަމަށް އޭސީސީން ބުނެއެވެ.