ކޮމިޔުނިޓީ ބޭސްޑް ފަރުވާގެ ޕްރޮގްރާމް މިއަހަރު ތެރޭގައި ރާއްޖޭގެ 5 ސަރަހައްދެއްގައި ފަށާނެ ކަމަށް ނެޝާނަލް ޑްރަގު އެޖެންސީ (އެންޑީއޭ) އިން ބުނެފިއެވެ.
ވޭތުވެދިޔަ 3 މަސް ދުވަސްތެރޭގައި އެންޑީއޭ އިން ކޮށްފައިވާ މަސައްކަތްތަކާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ނޫސްވެރިންނަށް ހިއްސާކުރުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެންޑީއޭގެ ސީއީއޯ އުސްތާޒު އިމާދު ސޯލިހު ވިދާޅުވީ، ކޮމިޔުނިޓީ ބޭސްޑް ފަރުވާގެ ނިޒާމަކީ އެ އެޖެންސީ އިން ވަރަށް ބޮޑަށް އަތޮޅު ތެރޭގައި ސިއްހީ ހިދުމަތް ދޭ ތަންތަނާއި ގުޅިގެން ކުރިއަށް ގެންދަންބޭނުންވާ ޕްރޮގްރާމެއް ކަމަށެވެ. އެގޮތުން، މިއަހަރު ތެރޭގައި ހާއްސަ 5 ސަރަހައްދެއްގައި އެ ޕްރޮގްރާމް ފެށިގެން ކުރިއަށް ގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
އިމާދު އިތުރަށް ވިދާޅުވީ، ކޮމިޔުނިޓީ ބޭސްޑް ފަރުވާގެ ފުރަތަމަ ޕްރޮގްރާމް މި ހިނގާ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު ހދ ކުޅުދުއްފުށީގައި ފެށުމަށް އެ ސިޓީގެ ރީޖަނަލް ހޮސްޕިޓަލާއި ކުޅުދުއްފުށި ސިޓީ ކައުންސިލާއި އެ އެޖެންސީ ގުޅިގެން މަސައްކަތް ކުރަމުން ގެންދަވާ ކަމަށެވެ. އެ ޕްރޮގްރާމަށް ކްލައިންޓުން ނެގުމަށް ހަދަން ޖެހޭ އެސެސްމެންޓްތައް ހެދުމުގެ މަސައްކަތް ކުޅުދުއްފުށީގައި ހުރެގެން އެންޑީއޭގެ 5 މުވައްޒަފަކު ކުރަމުން ގެންދާ ކަމަށްވެސް ވިދާޅުވިއެވެ.
އިމާދު ވިދާޅުވީ، އެންޑީއޭ އިން ދެމުން ގެންދާ ހިދުމަތްތައް އިތުރަށް ފުޅާކޮށް ކްލައިންޓުންގެ ވެއިޓިން ލިސްޓް ކުޑަކުރުމަށް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. އެގޮތުން، ހިންމަފުށީގައި އެ އެޖެންސީން ހިންގާ މައި ރިހިބްލިޓޭޝަން ސެންޓަރުގައި ފަރުވާ ދިނުމަށް ހިންގާ ޕްރޮގްރާމަކީ އިން ހައުސްގައި ކްލައިޓުން ބައި ތިއްބައިގެން ދިގު މުއްދަތަކަށް ދެވޭ ފަރުވާ އެއް ކަމަށާއި އެ ފަރުވާ 3 މަހާއި 4 މަހަށް ނުވަތަ 6 މަހަށް ދިގު ދެމިގެންދާ ކަމަށެވެ.
އިމާދު އިތުރަށް ވިދާޅުވީ، މެތަޑް އޮން މެއިންޓެނެންސް ޕްރޮގްރާމަކީ ވެސް އެ އެޖެންސީން ހިންގަމުން ގެންދާ ޕްރޮގްރާމެއް ކަމަށާއި އެޖެންސީން ހިންގަމުން ގެންދާ ކޮންމެ ޕްރޮގްރާމަކީވެސް ތަފާތު ޕްރޮގްރާމެއް ކަމަށެވެ.
މިދިޔަ މަހެއްހާ ދުވަހުތެރޭގައި ޑިޓޮސްޓިފިކޭޝަން ޕްރޮގްރާމް ހިންގުމަށް ބޭނުންވާ ބައެއް ބޭސް ލިބުމުގައި ދަތިތަކާއި ކުރިމަތިވި ކަމަށާއި، އެހެންނަމަވެސް މިހާރު އެކަމަށް ހައްލެއް ލިބިފައިވާ ކަމަށް އިމާދު ވިދާޅުވިއެވެ.