މި ދައުރު ނިމޭއިރު ސަރުކާރުންވީ ވައުދުގެ 95 އިންސައްތަ މަސައްކަތް އިރާދަކުރެއްވިއްޔާ ހުންނާނީ މުޅި ރާއްޖޭގައި ފުރިހަމަވެފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް މާލެ އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދާ ދަތުރުފުޅުގެތެރެއިން މިއަދު މެންދުރު ކާށިދޫއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ ކާށިދޫ ފަޅުތެރޭގައި ރިސޯޓެއް ތަރައްްޤީ ކުރުމަށް އަވަހަށް ކުރަންޖެހޭ ކަމެއްގެ ގޮތުގައި މިހާރު އިކޮނޮމިކް ކައުންސިލް އާއި ހަވާލުކޮށްގެން ބިޑިން ޕްރޮސެސް ފަށާފައިވާ ކަމަށް ވިދާޅުވެފައެވެ.
ޓުއަރިޒަމަކީ ކާށިދޫ ކަހަލަ ވަކިން އޮންނަ ރަށަކަށް ބޭނުންތެރިކަމެއް ކަމަށާ އެގޮތުން ސަގާފީ ޓުއަރިޒަމް ކުރިއަށް ގެންދެވޭނެ ގޮތް އެރަށުގައި އެބަހުރި ކަމަށް ރައީސް ވިދާޅުވިއެވެ.
ކާށިދޫގެ ނަރުދަމާ ނިޒާމް މިސަރުކާރުން އައިއިރު ކުރީ ސަރުކާރުން އޮތީ ފަށާފައިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ފެނާ ނަރުދަމާގެ މަސައްކަތް ރަމަޟާން މަސް އައުމުގެ ކުރިން ނިމޭނެ ކަމަށާ ވަރަށް ގާތުން އެފަދަ މަޝްރޫއުތައް ކުރިއަށްދާ ގޮތް ބައްލަވުމް ގެންދަވާ ކަމަށް ރައީށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ވެފައިވާ ވައުދާ އެއްގޮތަށް މިއަހަރުގެ އޯގަސްޓް މަހާ ހަމައަށްދާއިރު ގިނަ ރަށްރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް މުޅި ނިމި ޚިދުމަތް ލިބެން ފަށާނެ ކަމަށެވެ. އެގޮތުން ކާށިދޫގެ ފެނުގެ ޚިދުމަތްވެސް އެހިސާބަށް ދާއިރު އެއްކޮށް ނިމި ފެނުގެ ޚިދުމަތް ބޭނުންކުރެވޭވަރު ސްޓެލްކޯއިން ކޮށްދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ކާށިދޫ ދާއިރާގެ ގާފަރަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވީ އެރަށަކީ ސަރުކާރުން ބޮޑު މަޝްރޫއެއް ހިންގުމަށް ރާވާފައި އޮތް ރަށެއް ކަމަށެވެ.
ގާފަރުގެ އެ ބޮޑު ފަޅު ޓުއަރިޒަމަށް ތަރައްގީކޮށް، ގާފަރަކީ އޭގެ ނަފާ ލިބޭނެ ރަނގަޅު ޕްލޭނެއް އެބަ އޮތް. އެއާ އެކީގައި އަމަލީ މަސައްކަތް ފެށުމަށްޓަކައި އޭގެ ތައްޔާރީތައް އަޅުގަނޑުމެން ވަމުން މިދަނީ"
އެގޮތުން ގާފަރުގެ ބިން އިތުރުކޮށް މިހާރަށްވުރެ ރަނގަޅަށް އެކަން ކުރެވިދާނެ ކަމަށާ އެރަށަށް ބޭނުންވާ ހެލްތްސެންޓަރުގެ މަސައްކަތްވެސް ލަސްތަކެއް ނުވެ ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ކ. އަތޮޅުގައި ބިން ބޮޑު ކުރަންޖެހޭ ރަށްތައް ހުރިކަން ފާހަގަކުރައްވާ ރައީސް ވަނީ މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ދިއްފުށްޓަށް ވަޑައިގަންނަވާއިރު އެރަށުގެ ބިމުގެ ދަތިކަމަށް ހައްލު ލިބިގެންދާނެ ކަމުގެ އުފާވެރި ޚަބަރު ދެއްވާފައެވެ.
މިއީ އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، ވެފައި ހުރި ވައުދުތައް ފުއްދުމުގެ މަސައްކަތް ފުރަތަމަ ކަމަކީ. މި ދައުރު ނިމޭއިރު އަޅުގަނޑުމެންވީ ވައުދުގެ 95 ޕަސަންޓް މަސައްކަތް އިރާދަކުރެއްވިއްޔާ ހުންނާނީ މުޅި ރާއްޖޭގައި ހުންނާ ފުރިހަމަވެފަ"
ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންވަނީ ކޮވިޑްގެ ދެއަހަރުގެ ދަތިކަމާއެކުކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ރާއްޖޭގެ ބޯޑަރު ބަންދުވެ މުޅި ދުނިޔެއަށް ދަތިކަން އައިސް އާމްދަނީ ލިބޭނެ ގޮތެއް ނެތި އެތަކެއް ދުވަހެއް ހޭދަވެގެން ދިޔަ ކަމަށެވެ. އެހެންނަމަވެސް މިއަދު މިހިސާބަށް އައިސް މިވާހަކަތައް ދެކެވެނީ ތަރައްގީގެ މަސައްކަތް ކުރިއަށް ގެންދިޔުމަށްޓަކައި ރޭވުންތެރިކަމާއެކު މަސައްކަތްތައް ކުރިއަށް ގެންދެވިފައިވާތީ ކަމަށް ރައީސް ވިދާޅުވިއެވެ.
އގްތިސޯދު ހިފެހެއްޓި، ރައްޔިތުންގެ އަތްމައްޗަށް ފައިސާއެރީ އޭރު ބޯޑަރުތައް ބަންދުކޯށް ކުރެވުނު މަސައްކަތުން ކަމަށް ރައީސް ވިދާޅުވިއެވެ. އެހެން ނޫންނަމަ މިއަދު މިހެން ނުތިބެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.