ގަވާއިދާ ޚިލާފަށް ރަށުގެ ގޮނޑުދޮށުން ވެއްޔާއި އަކިރި ނެގި މައްސަލައެއްގައި، ފީވަކު ކައުންސިލް ބޮޑު އަދަދަކުން ޖޫރިމަނާކޮށްފިއެވެ.
މިކަމާގުޅޭގޮތުން އެންވަޔަމަންޓަލް ޕްރޮޓެކްޝަން އެޖެންސީން ބުނީ، ށ. ފީވަކު ގޮނޑުދޮށުން ގިނަ އަދަދެއްގެ ވެއްޔާއި އަކިރި ނެގުމުގެ ޝަކުވާ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު އެ އެޖެންސީއަށް ހުށަހެޅުނު ކަމަށެވެ.
އީޕީއޭއިން ރަށުގައި ކުޑަކުދިންގެ ޕާކެއް ތަރައްޤީކުރުމަށް ގަވާއިދާ ޚިލާފަށް ރަށުގެ ގޮނޑުދޮށުން ވެއްޔާއި އަކިރި ނެގި މައްސަލައަ ބެލި ބެލުމުން، ފީވަކު ކައުންސިލްގެ އިސްނެގުމަށް ރަށުގެ ގޮނޑުދޮށުން 25 ބަސްތާ ވެއްޔާއި، 20 ބަސްތާ އަކިރި ނަގާ، އެ މަސައްކަތަށް ބޭނުންކޮށްފައިވާކަން ޔަގީންވެފައިވާކަމަށެވެ.
މިއާއި ގުޅިގެން ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ޤާނޫނުގައި ހިމެނޭ (ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާ ބަދަލު ހޯދުމުގެ ގަވާއިދު)ގެ ދަށުން ފީވަކު ކައުންސިލު ވަނީ 83،525 (އައްޑިހަ ތިންހާސް ފަސްސަތޭކަ ފަންސަވީސް) ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.
އީޕީއޭއިން ވަނީ، ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ ތެރޭގައި މި ޖޫރިމަނާގެ ފައިސާ އެ އެޖެންސީއަށް ދެއްކުމަށް މިމަހުގެ 12 ވަނަ ދުވަހު ފީވަކު ކައުންސިލަށް އަންގާފައެވެ.0