ޅ.ހިންނަވަރުގައި ސަރުކާރުން އިމާރާތް ކުރާ 100 ހައުސިންގ ޔުނިޓްގެ ބިންގާ އަޅައިފިއެވެ.
ޅ.ހިންނަވަރުގައި ބޭއްވި ރަސްމިއްޔާތުގައި ހިންނަވަރުގައި އިމާރާތް ކުރާ ހައުސިންގ ޔުނިޓްތަކުގެ ބިންގާ އަޅުއްވައިދެއްވީ ހައުސިންގ މިނިސްޓްރިގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން އާއި ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދުގެ އިތުރުން އެރަށު ކައުންސިލްގެ މެންބަރުންނެވެ.
ހިންނަވަރަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން 100 ހައުސިން ޔުނިޓް ހަދަން ދޮންބޭޒް ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.
މި މަޝްރޫއު ދަށުން ހިންނަވަރުގައި 700 އަކަފޫޓުގެ 2 ބުރީގެ 50 ރޯ ހައުސް އަދި 50 ހައުސިން ޔުނިޓް އިމާރާތް ކުރުމަށްވަނީ ހަމަޖެހިފައެވެ. މިއިން ކޮންމެ ޔުނިޓެއްގައި 3 ކޮޓަރި، 3 ފާޚާނާ، ސިޓިންރޫމް، ބަދިގެ، ކާގޭގެ އިތުރުން ލޯންޑްރީ އަކާއި ސްޓޯރޫމްއެއް ހުންނާނެއެވެ.