ޗައިނާ ފަތުރުވެރިން ރާއްޖެއަށް އަންނަން ފެށިތާ ފަސްދުވަސްތެރޭ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ދިހަ ގައުމުގެ ތެރޭގައި ޗައިނާ ހިމެނިއްޖެއެވެ.
ކޮވިޑަށްފަހު ޗައިނާއިން ރާއްޖެއަށް ފަތުރުވެރިން އަންނަން ފެށީ މިމަހުގެ 18 ވަނަ ދުވަހުއެވެ.
ޓުއަރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާއިން ޖުމްލަ 2339 ފަތުރުވެރިން ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފައެވެ. މި އަދަދާއެކު އެ ގައުމު ވަނީ މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ނުވަ ވަނަ ގައުމަށްވެފައެވެ.
ބެއިޖިންގ ކެޕިޓަލް އެއަރލައިންގެ އިތުރުން، ޗައިނާގެ އިތުރު 2 އެއަރލައިނަކުން ރާއްޖެއަށް ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ޗައިނާ އީސްޓަން އެއަރލައިން އާއި ހޮންގްކޮންގ އެއަރލައިންއެވެ.
ޓުއަރިޒަމް މިނިސްޓަރު ޑރ. ޢަބްދުﷲ މައުސޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 115،177 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 89369 ފަތުރުވެރިންނާއި އަޅާބަލާިއރު 28.9 އިންސައްތަ އިތުރު އަދަދެކެވެ. މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން ޒިޔާރަތްކުރީ ރަޝިއާ، އިޓަލީ، އިންޑިއާ، އިނގިރޭސިވިލާތް އަދި ޖަރުމަނުވިލާތުންނެވެ.