އެމްޑީޕީ އުފެއްދުމަށްޓަކައި އެޕާޓީއަށް ދެވަނައަށް ސޮއިކުރެއްވީ އެމަނިކުފާނު ކަމަށާއި މިއީ އެއް ބޭފުޅެއްގެ ޕާޓީއެއް ނޫން ކަމަށް ވިދާޅުވެ، ރައީސް އިބްރާހިމް މުހައްމަދު ޞާލިހް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރައްދުދެއްވައިފިއެވެ.

ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ގއ. ވިލިނގިއްޔަށް މިއަދު ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީ އުފެދިގެން އައި ގޮތް ޕާޓީގެ މެމްބަރުންނަށް ސާފުވާނެ ކަމަށެވެ. އެމްޑީޕީ އުފެދިގެން އައި ގޮތް އޮޅުވާލަން ބަޔަކު މަސައްކަތްކުރި ނަމަވެސް އެމްޑީޕީ އުފެއްދުމަށް ސޮއިކުރެއްވި ފުރަތަމަ 42 މީހުންގެ ތެރޭގައި އެ މަނިކުފާނު ހިމެނިވަޑައިގަންނަވާ ކަމަށެވެ.

އެމްޑީޕީއަށް ދެވަނައަށް ސޮއިކުރި މީހަކީ އަޅުގަނޑު، އެއަށްފަހު ދެން ތިބި މީހުން ތަރުތީބު ވެގެން އައީ."

ރައީސް ވިދާޅުވީ އެމްޑީޕީއަކީ އެތައް ބަޔަކު ގުރުބާންވެގެން އުފެއްދި ޕާޓީއެއް ކަމަށާއި މިއީ ވަކި ބޭފުޅެއްގެ ޕާޓީއެއް ނޫން ކަމަށެވެ. އަދި އެމްޑީޕީއަށްޓަކައި ގުރުބާންވި މީހުންގެ މަތިން ބައެއް ބޭފުޅުން ހަނދާންނެތިފައި ވަނީ ޕާޓީއާ ދުރުގައި އުޅެން ޖެހުމުގެ ސަބަބުން ކަމަށެވެ.

ރައީސް ވިދާޅުވީ އިންތިހާބެއްގައި ތާއިދު ހޯދުމަށް ކެމްޕޭން ކުރަންވާނެ ކަމަށާއި ނަމަވެސް ޕާޓީ އުފެއްދުމުގައި އެންމެ އިސް ދައުރެއް އަދާކުރި ފަރާތްތަކަށް ބަދުބަސް ބުނުމަކީ އެންމެ ފައިދާހުރި ގޮތެއް ނޫން ކަމަށެވެ.

މިއަދު ވަކި މީހެއްގެ ވަކި މަގުސަދެއް ހާސިލުކުރުމަށްޓަކައި މިޕާޓީއަށްޓަކައި ގުރުބާންވީ މީހުންނާ ދިމާއަށް ބޭނުންހާ އެއްޗެއް ގޮވުމަކީ މިޕާޓީއަށް ފައިދާހުރި ގޮތެއް ނޫން. ހިތުހުރި އެއްޗެއް ގޮވުމަކީ އެބޭފުޅުންނަކަށް ވެސް މިޕާޓީއަކަށް ވެސް ފައިދާހުރި ގޮތެއް ނޫން."

ރައީސް ވިދާޅުވީ ސަރުކާރެއް އުފެއްދޭނީ އެކި ފަރާތްތަކާ ގުޅިގެން ކަމަށާއި ޑިމޮކްރަސީގައި މައިނޯރިޓީ ހައްގުތައް ހިމާޔަތްކުރަން ޖެހޭ ކަމަށާ އެ މަނިކުފާނު ވެރިކަން ކުރައްވާނީ އެއްވެސް މީހަކު ބާކީ ނުކުރައްވާ ކަމަށެވެ.

ގއ.ވިލިނގިލީގައި އޮތް އެމްޑީޕީގެ ސަޕޯޓް އެތައް ތަނަކުން ބޮޑުވެއްޖެކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ. އެ މަނިކުފާނު ވިދާޅުވީ އެކަމުން އެނގިގެން ދަނީ މި ސަރުކާރުން ގެންނަ ތަރައްގީ ރައްޔިތުން ބަލައިގެންފައިވާ ކަމެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *