އީއައިއޭ ފުރިހަމަ ނުކޮށް ރެޑިސަން ބްލޫ މޯލްޑިވްސްގެ ބަނދަރުގެ މަސައްކަތް ފެށުމުން ޖޫރިމަނާކޮށްފިއެވެ.

އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ އީޕީއޭއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އދ.ހުރުއެޅި ނުވަތަ ރެޑިސަން ބްލޫ މޯލްޑިވްސްގައި، އީއައިއޭ މަރުހަލާ ފުރިހަމަނުކޮށް ގޮނޑުދޮށް ޙިމާޔަތްކުރުމުގެ ބައެއް މަސައްކަތްތައް ކުރިއަށްގެންދިޔަ މައްސަލައެއް އެ އެޖެންސީން ބަލާފައިވާކަމަށެވެ.

އެގޮތުން އެ މައްސަލާގައި ކަންހިނގާފައިވާ ގޮތުގެ ރިޕޯޓެއް އެ އެޖެންސީއަށް ހިއްސާކޮށްދިނުމަށް އެދިފައިވުމާގުޅިގެން، 28 ނޮވެމްބަރު 2022ގައި އެފަރާތުން ފޮނުވާފައިވާ އިންސިޑެންޓް ރިޕޯޓުގައި، ހުރުއެޅި ބަނދަރު ތަރައްގީކުރުމުގެ ތެރޭގައި 1055 އަކަމީޓަރުގެ ސަރަހައްދެއް ކޮނެ، 1582 ކޮޑިމީޓަރުގެ ވެލި ނަގައި، 60 މީޓަރުގެ ބަނދަރެއް ގާއިމްކޮށްފައިވާކަމަށެވެ. މި މަސައްކަތް ކުރިއަށްގެންދިޔައީ މިދިއަ އަހަރު ޖުލައި އިން ސެޕްޓެމްބަރުގެ ނިޔަލަށެވެ.

ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން އދ.ހުރުއެޅީގެ ބަނދަރު މަސައްކަތް އީއައިއޭ މަރުހަލާ ފުރިހަމަނުކޮށް ކުރިއަށް ގެންގޮސްފައިވާތީ 20000 ރުފިޔާއިންވަނީ ޖޫރިމަނާކޮށްފައެވެ. އަދި ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން 28،469،525 (އަށާވީސް މިލިއަން ހަތަރު ލައްކަ ފަސްދޮޅަށް ނުވަހާސް ފަސްސަތޭކަ ފަންސަވީސް) ރުފިޔާއިން ހުރުއެޅި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ވަނީ ޖޫރިމަނާކޮށްފައެވެ.

އަދި މިޖޫރިމަނާގެ ޖުމްލަ ފައިސާގެ އަދަދު ކަމަށްވާ 28،489،525 (އަށާވީސް މިލިއަން ހަތަރު ލައްކަ އަށްޑިހަ ނުވަހާސް ފަސްސަތޭކަ ފަންސަވީސް)ރުފިޔާ، ސަރުކާރުގެ ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ ތެރޭގައި އީޕީއޭއަށް ދެއްކުމަށް އެކުންފުންޏަށް 19 ޖެނުއަރީގައި އަންގާފައިވާ ކަމަށް އީޕީއޭއިންވަނީ ހާމަކޮށްފައެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *