ބޮލީވުޑާއި ހޮލީވުޑްގެ ކާމިޔާބު ބަތަލާ ޕްރިޔަންކާ ޗޯޕްރާ އަމިއްލައަށް މާބަނޑުވެގެން ދަރިއަކު ނުހޯދާ، އެހެން މީހެއް މެދުވެރިކޮށް ދަރިއެއް ހޯދުމުގެ ސަބަބުން ގިނަ ބައެއްގެ ފާޑު ކިއުންތަކާއި ނުރުހުން އޭނާއަށް އަމާޒުވިއެވެ.
އެހެންނަމަވެސް މިއޮތް ހުރިހާ ދުވަހު ޕްރިޔަންކާ އެކަމަށް ފަރުވާލެއް ނުބަހައްޓައެވެ. މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާ އާއި ފިރިމީހާ ނިކް ޖޯނަސް އެންމެ ބޮޑަށް އިސްކަންދެނީ އެދެމަފިރިންގެ ދަރިފުޅަށެވެ. ޕްރިޔަންކާ އާއި ނިކް އެ ދަރިފުޅަށް މަރުހަބާ ކީ ޖެނުއަރީ 2022 ގައެވެ. ބިޒީ މަންމައެއްގެ ރޯލު އަދާ ކުރާ ޕްރިޔަންކާ މިފަހަރު މިވަނީ އަންހެން ދަރިފުޅު މޯލްޓީ މޭރީ ޗޯޕްރާ ޖޯނަސް، ސަރޮގޭޓެއް މެދުވެރިކޮށް ހޯދަން ޖެހުނު ސަބަބުން މީޑިއާއަށް ކިޔައިދީފައެވެ.
ވޯގް އަށް ދިން އިންޓަވިއުއެއްގައި ޕްރިޔަންކާ ބުނީ އޭނާ އާއި އޭނާގެ ފިރިމީހާ ނިކް ޖޯނަސް ސަރޮގެސީ އަށް ދާން ނިންމީ ސިއްހީ މައްސަލަތަކެއް ހުރުމުން ކަމަށެވެ.
އަހަރެންނަށް މެޑިކަލް ކޮމްޕްލިކޭޝަންތަކެއް ކުރިމަތިވި. އެހެންވެސް އަހަރެމެން ދެމަފިރިން ސަރޮގޭޓެއް މެދުވެރިކޮށް ދަރިއެއް ހޯދަން ނިންމީ."
އަމިއްލަ ޒާތީ ނިންމުންތައް 'ޕްރައިވެޓް' ކޮށް ބާއްވަން ބޭނުންވާ ޕްރިޔަންކާ މި ފަހަރު މިވާހަކަތައް ހިއްސާ ކޮށްފައިވަނީ އޭނާ އަމިއްލައަށް ނުވިހާ ދަރިއަކު ހޯދުމުން އޭނާއަށް އަމާޒުވާ ފާޑުކިއުންތައް އިތުރުވުމުގެ ސަބަބުންނެވެ.

ޕްރިޔަންކާ އާއި އޭނާގެ ފިރިމީހާ ނިކް ދަރިފުޅު އުރާލައިގެން
ޕްރިޔަންކާ ބުނީ އަމިއްލައަށް ދަރިއަކު ހޯދުމަށް އޭނާއަށް ކުރިމަތި ސިއްހީ މައްސަލަތކުގެ ސަބަބުން އެހެން އަންހެނަކު މެދުވެރިކޮށްގެން ނިކް އާއި ޕްރިޔަންކާގެ އަމިއްލަ ދަރިއަކު އުފަން ކުރުމަކީ އޭރު ކޮންމެހެން އަޅަން ޖެހޭ ފިޔަވަޅެއް ކަމަށް އެ ދެމަފިރިން ގަބޫލުކުރި ކަމަށެވެ.
އަދި އެކަން ކުރެވޭނެ ހާލަތެއްގައި އޭރު ހުރުމުން ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމަށާއި، އެމީހުން ސަރޮގޭޓަކަށް ވީ އަންހެން މީހާއަކީ ވަރަށް ދިލަތި، ހިތްހެޔޮ، ލޯބި އަދި މަޖާ މީހެއް ކަމަށް ޕްރިޔަންކާ ބުންޏެވެ.
ސަގޮރޭޓަކަށް ހިޔާރު ކުރި އަންހެން މީހާއާއި ބެހޭ މައުލޫމާތު ހާމަކުރުމަށް ވޯގް އިން އެދުމުން ޕްރިޔަންކާ ބުނީ އޭނާއާއި އެ ސުވާލުކުރި ރިޕޯޓަރަށް ޕްރިޔަންކާ ނޭންގޭނެ ކަމަށާއި، އޭނާ ތަހަންމަލު ކުރި ސިއްހީ މައްސަލަތަކާއި ޕްރިޔަންކާ އާއި އޭނާގެ އަންހެން ދަރިފުޅުގެ މެޑިކަލް ހިސްޓްރީވެސް އެ ރިޕޯޓަރަށް ނޭންގޭނެ ކަމަށެވެ.
އެހެންކަމުން އާންމުނަށް ޕްރިޔަންކާގެ ދަރިއެއް ހޯދިގޮތުގެ ވާހަކަތައް ހަދަހަދައިގެން ދެއްކުމުގެ ފުރުސަތު ނޯންނާނެ ކަމަށްވެސް އޭނާ ބުންޏެވެ.
އެހެންކަމުން އޭނާއަށް ދަރިއެއް ހޯދައިދިނުމުގައި އެހީތެރިވި އަންހެން މީހާ (ސަރޮގޭޓް) އާއި ބެހޭ ގޮތުން މީޑިއާގައި ވާހަކަދައްކަން ބޭނުން ނުވާ ކަމަށްވެސް ޕްރިޔަންކާ ބުންޏެވެ.
ޕްރިޔަންކާ އަކީ އިންޑިއާގެ އިތުރުން ނިއުޔޯކްގެ ވިޔަފާރިވެރިއެކެވެ. ފިލްމީ ދާއިރާގެ އިތުރުން އޭނާ އަންނަނީ މަޝްހުރު ބްރޭންޑްތަކުގެ އެމްބެސެޑަރުކަންވެސް ކުރެއެވެ. މިވަގުތުވެސް ޕްރިޔަންކާ އާއި އެކު ސޮއި ކޮށްފައިވާ މަޝްހޫރު 6 ބްރޭންޑް އެބައޮތެވެ. އަދި އދ ގެ ގުޑްވިލް އެމްބެސެޑަރު ކަންވެސް އޭނާ އަދާކުރެއެވެ.