ހަނިމާދޫ ވައިގެ ބަނދަރު ތަރައްގީކުރުމަކީ އުތުރުގެ ކުރިމަގަށް ކޮށައިދޭ މަގެއްކަމަށް އިކޮނޮމިކް މިނިސްޓަރ އަލްއުސްތާޒް ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ ލޯނެއް ނަގައިގެން އަތޮޅުތެރޭގައި މިހާ ބިޔަ މަޝްރޫއެއް ހިންގުމަށް ނިންމުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވިކަމަށެވެ.
އެހެންނަމަވެސް މިވީހާތަނަށް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު، އިންޓަނޭޝަނަލްވެފައި އޮތީ ހަމައެކަނި ނަން ބޯޑުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އިންޓަނޭޝަނަލް އެއާޕޯޓެއްގެ ނަން ދިންފަހުން 10 އަހަރުވެގެންދިޔައިރު އެއާޕޯޓު ތަރައްގީކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން މިއީ ކޮންމެވެސް އެއް ހިސާބަކުން ފަށަންޖެހޭ ކަމެއްކަމަށް ވިދާޅުވިއެވެ.
އެއާޕޯޓު ބޮޑުކޮށް ތަރައްގީކުރުމުން ލިބިގެންދާނީ ހަމައެކަނި ދަތުރުފަތުރުކުރުމުގެ ލުއިފަސޭހަކަން ނޫންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން އިގްތިސާދީ އަދި އިޖްތިމާއީ އެތައް ކުރިއެރުމެއް ލިބިގެންދާނެކަމަށާއި މިއީ އުތުރުގެ ތަރައްގީއަށް ކޮށައިދިން މަގެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އެކަމުގެ ހެއްކަކަށް މިނިސްޓަރ ނެންގެވީ މާލެ ސަރަހައްދުގެ އެއާޕޯޓެވެ.
ހަނިމާދޫ ވައިގެ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއަކީ 2 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށް، މާލެ ސަރަހައްދުން ބޭރުގައި ހިންގާ މިފަދަ އެންމެ ބޮޑު މަޝްރޫއެވެ.