ފުޓުބޯޅައިގެ ތާރީޚުގައި އެންމެ މޮޅު ދެ ކުޅުންތެރިން ނުވަތަ ގްރޭޓަސްޓް އޮފް އޯލް ޓައިމް (ގޯޓް) އަކީ ކޮން ކުޅުންތެރިއެއް ކަމަށް ސުވާލުކޮށްފިނަމަ އެންމެ ގިނައިން ލިބޭނެ ޖަވާބަކީ އާރޖެންޓީނާގެ ލިއޮނެލް މެސީ ނުވަތަ ޕޯރޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯގެ ނަންކަމީ އެއްވެސް ޝައްކެތް ނެތް ކަމެކެވެ.

މި ދެކުޅުންތެރިން ދަނޑުމަތިން ފެނިގެންދާނެ ވަރަށް ފޯރިގަދަ މެޗެއް ޖެނުއަރީ 19 ވަނަ ދުވަހު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މެސީ ކުޅެމުން އަންނަ ފްރާންސްގެ ޕީ.އެސް.ޖީ އަދި ރޮނާލްޑޯގެ އައު ކްލަބް ސައޫދީ އަރަބިއާގެ އަލް ނަސްރު އާއި އަލް ހިލާލްގެ ކުޅުންތެރިން ހިމަނައިގެން އެކުލަވާލާފައިވާ ރިޔާދު އޯލް ސްޓާރޒް އާއި ދެމެދު ކުޅެވޭ މި އެކުވެރިކަމުގެ މެޗު ފެށުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ 10:00 ގައެވެ.

މެސީ އަށް 35 އަހަރު އަދި ރޮނާލްޑޯ އަށް 37 އަހަރު ފުރިފައިވާއިރު މި ދެ ކުޅުންތެރިންގެވެސް ފުޓުބޯޅަ ކެރިއަރު މިވަނީ ނިމުމަކާ ގާތް ވެފައެވެ. އެހެންކަމުން މިމެޗަކީ މިދެކުޅުންތެރިން އެއް މެޗެއްގައި ދަނޑުމަތިން ފެނިގެންދާނެ ފަހު ފަހަރު ކަމަށް ވުމީވެސް އެކަށީގެންވާ ކަމެއްކަމަށް ފުޓުބޯޅައިގެ މާހިރުން ލަފާކުރެއެވެ. އެހެންމެ ފާހަގަ ކޮށްލެވޭ އަނެއް ކަމަކީ، މި މެޗަކީ މިދިޔަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު ސައުދީ ލީގުގެ އަލް ނަސްރު އަށް ދުނިޔޭގެ ރެކޯޑް ފީއަކަށް ކްރިސްޓިއާނޯ ރޮނާލްޑޯ ސޮއިކުރި ފަހުން އެޓީމާއެކު އޭނާގެ ފުރަތަމަ ފެނިލުމެވެ.

މި ދެކުޅުންތެރިންނަކީ ފާއިތުވި 14 އަހަރު ދުނިޔޭގެ ފުޓުބޯޅައިގައި ރަސްކަން ކުރަމުން އަންނަ ދެ ކުޅުންތެރިންނެވެ. މި 14 އަހަރު ތެރޭ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ އެވޯރޑް (ބެލޮންޑިއޯރ) 07 ފަހަރު މެސީ ހޯދާފައިވާއިރު ރޮނާލްޑޯ ވަނީ މި އެވޯރޑު 05 ފަހަރު ހޯދާފައެވެ. ވޯރލްޑް ކަޕް ޗެމްޕިއަނެއް ގޮތުގައި މެސީ މި މެޗަށް ކުރިމަތިލާއިރު ރޮނާލްޑޯއަކީ އަދިވެސް ފުޓުބޯޅައިގެ ތާރީޚުގައި އެންމެ ގޯލާއި ރައްޓެހި ކުޅުންތެރިޔާ އެވެ.

މި ދެކުޅުންތެރިންގެ އިތުރުން ފުޓުބޯޅައިގެ އިތުރު ނަން މަޝްހޫރު ތަރިންތަކެއް މި މެޗުން ފެނިގެންދާނެއެވެ. އޭގެ ތެރޭގައި ފްރާންސްގެ ހަލުވި ފޯރވާރޑް ކިލިއަން އެމްބާޕޭ، ބްރެޒިލްގެ ހުނަރުވެރި ކުޅުންތެރިޔާ ނޭމާ، މިހާރު ސައޫދީ ލީގުގައި ކުޅެމުން އަންނަ ކުރިން ޔޫރަޕުގެ ޓީމުތަކުން ވިދާލި ކުޅުންތެރިން ކަމުގައިވާ ކީޕަރު އޮސްޕީނާ، ނައިޖީރިއާ ފޯރވާރޑް އިގާލޯ އަދި ވޯރލްޑްކަޕުގައި މޮޅު ކުޅުމެއް ދެއްކި ސައޫދީ ޓީމުގެ މުހިއްމު ކުޅުންތެރިން ހިމެނެއެވެ.

އައިސް ސްޕޯރޓްސް (ޗެނަލް 102) އަދި އައިސް ޕްލަސް (ޗެނަލް 888) މެދުވެރިކޮށްމީޑިއާނެޓު ކަސްޓަމަރުންނަށް މި މެޗު ފެންނާނެއެވެ. އަދި މީޑިއާނެޓުގެ އެމް އެސް ޑިޖިޓަލް އެޕް މެދުވެރިކޮށް ކޮންމެ ތާކު ހުރެވެސް މި މެޗު ބަލާލެވޭނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *