އިންޑިއާއިން ރާއްޖެއަށް ތިން ދާއިރާއަކުން އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އިންޑިޔާއާއި ރާއްޖެއާ ދެމެދު ސޮއިކުރި މިއެއްބަސްވުންތައް ބަދަލުކޮށްފައިވަނީ އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ. ޖައިޝަންކަރު މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ނ.މަނަދޫގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި އެއްބަސްވުންތަކުގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ސްކީމަށް 100 މިލިއަން ރުފިޔާ އިތުރުކުރުމުގެ ގޮތުން ސޮއިކުރެއްވި އެއްބަސްވުމަކާއި، ގދ.ގައްދޫގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް ތަރައްގީކުރުމުގެ އެއްބަސްވުމަކާއި، ޤައުމީ ޔުނިވާރސިޓީއަށް ބޭނުންވާ ފަންނީ ތަޖްރިބާ ހޯދައިދިނުމުގެ އެއްބަސްވުމެކެވެ. މި އެއްބަސްވުންތަކުގެ ބަދަލުކުރުމުގެ އިތުރުން މިރަސްމިއްޔާތުގައި އިންޑިއާއިން ވަނީ ރާޢްޖެއަށް 2 ސީ އެމްބިއުލާންސް ހަދިޔާކޮށްފައެވެ.
މިއެއްބަސްވުންތަކުގެ ތެރެއިން އިންޑިއާގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ސްކީމަށް 100 މިލިއަން ރުފިޔާ އިތުރުކުރުމުގެ ގޮތުން ސޮއިކުރެއްވި އެއްބަސްވުމަކާއި، ގދ.ގައްދޫގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް ތަރައްގީކުރުމުގެ އެއްބަސްވުން ރާއްޖޭގެ ފަރާތުން ބަދަލު ކުރެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޚަލީލްއެވެ. އިންޑިއާއިން މިއެއްބަސްވުންތައް ބަދަލުކުރެއްވީ އެޤައުމުން ރާއްޖެއަށް ކަނޑަޅާފައި ހުންނަވާ ހައިކޮމިޝަނަރ މުނޫ މަހާވަރުއެވެ. އިންޑިއާގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްސްޓް ސްކީމްގެ ދަށުން ގދ.ގައްދޫގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް ތަރައްޤީކުރުމަށް 6،500،00 (6.5 މިލިޔަން ރުފިޔާ)ވަނީ ކަނޑައަޅާފައެވެ.
ޤައުމީ ޔުނިވަރސިޓީއަށް ބޭނުންވާ ފަންނީ ތަޖްރިބާ ހޯދައިދިނުމުގެ އެއްބަސްވުން ބަދަލުކުރެއްވީ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ މުޙައްމަދު ޝަރީފްއެވެ. ކޮޗިން ނެޝަލަން ޔުނިވަރސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގެ ފަރާތުން އެއްބަސްވުން ބަދަލުކުރެއްވީ ވައިސް ޗާންސެލަރ ޕްރޮފެސަރ ޑރ.ކޭ.އެން މަދަސޫދަނަންއެވެ. މިއެއްބަސްވުމުގެ ދަށުން އެމްއެންޔޫއަށް ބޭނުންވާ ފަންނީ ތަޖްރިބާ ހޯދުމުގެ އިތުރުން ތަމްރީނު ޕްރޮގްރާމްތައް ހިންގުމުގެ ފުރުސަތުވެސް ފަހިވެގެންދާނެއެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު ވަނީ ރާއްޖޭގައި ކުރިއަށްގެންދާ ތަރައްޤީގެ އެކި މަޝްރޫޢުތަކަށް އިންޑިއާއިން ފޯރުކޮށްދެއްވަމުންދާ އެހީތެރިކަން ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފައެވެ.