ފެލިވަރުގެ ތަރައްޤީގެ މަޝްރޫއު ނިމުމުން އޮންނާނެ ގޮތުގެ ކުރެހުމެއް - ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

ޅ.ފެލިވަރުގައި ކޯލްޑް ސްޓޯރޭޖް ކޮމްޕްލެކްސްއަކާއި ގއ.ގެމަނަފުށީގައި އައިސްޕްލާންޓެއް ޤާއިމުކުރުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ  (މިފްކޯ) ގެ ފަރާތުން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުން މިރޭ ހދ.ހަނިމާދޫގައި ބާއްވަން ނިންމައިފިއެވެ.

މި މަޝްރޫޢުގެ ބީލަން ކާމިޔާބުކޮށްފައިވަނީ ރައިނެކް އިންޑިއާލިމިޓެޑުންނެވެ. 23 މިލިއަން ޑޮލަރުގެ މި މަޝްރޫޢަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު ފައިނޭންސްގެ ދަށުން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ. މިރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއަރޒް ޑރ. ސުބްރަމާނިޔަމް ޖައިޝަންކަރް ބައިވެރިވެވަޑައިގަންނަވާނެއެވެ.

މި މަޝްރޫޢުގެ ދަށުން ފެލިވަރުގައި ޤާއިމުކުރެވޭ 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކީ ރާއްޖޭގައި މިހާތަނަށް ޤާއިމުކުރެވޭ އެންމެ ބޮޑު ކޯލްޑް ސްޓޯރޭޖެވެ. މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން ދުވާލަކު 200 ޓަނުގެ މަސް ފްރީޒްކުރެވޭ ބްރައިން ފްރީޒިންގ ފެސިލިޓީއަކާއި މަސް ފިނިކޮށް ބަހައްޓާ 80 ޓަނުގެ ރެފްރިޖަރޭޓަޑް ސީ ވޯޓަރ ސިސްޓަމެއްވެސް ޤާއިމުކުރެވޭނެއެވެ.

އަދި ގއ. ގެމަނަފުށީގައި 50 ޓަނުގެ ބްލޮކް އައިސް ޕްލާންޓަކާއި 100 ޓަނުގެ އައިސް ސްޓޯރޭޖެއް ޤާއިމުކުރެވޭނެއެވެ. މި މަޝްރޫޢުގެ ސަބަބުން މިފްކޯގެ ސްޓޯރޭޖް އަދި ފްރީޒިންގ ކެޕޭސިޓީ އެތައް ތަނެއް އިތުރުވެގެންދާނެއެވެ. އަދި މަސްވެރިން ބާނާ މަސް ކިރުމުގައި ޒަމާނުއްސުރެ ކުރިމަތިވަމުން އަންނަ ދަތިތަކަށް ޙައްލު ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ގެންގުޅުއްވާ ސިޔާސަތަށް ވަރަށް ބޮޑަށް މަގުފަހިވެގެންދާނެއެވެ.

މި މަޝްރޫޢުގެ ދަށުން ޤާއިމްކުރާ ވަސީލަތްތައް ޤާއިމްކުރެވޭނީ އެ ވަސީލަތްތައް ޤާއިމްކުރުމަށް ސަރުކާރުން ފެލިވަރުގެ ފަޅުން ހިއްކާފައިވާ 5.7 ހެކްޓަރުގެ ބިމުގެ ސަރަޙައްދެއްގައެވެ. މިދެންނެވި ބިމާއެކު މުޅިން އަލަށް އެކްސްޕޯޓްޖެޓީއަކާއި، މަސްކިރާޖެޓީއެއްގެ އިތުރުން ފެލިވަރުގެ ޢާއްމު ބޭނުންތަކަށް ބޭނުންވާ ޖެޓީއެއް ޤާއިމްކުރުމުގެ މަސައްކަތް މިހާރުދަނީ ކުރެވެމުންނެވެ. މިދެންނެވި މަސައްކަތްތަކުގެ %85 ވަނީ ނިމިފައެވެ.

މީގެ އިތުރުން ފެލިވަރުގައި 100 ޓަނުގެ މަސް ޕްރޮސެސްކުރާ ފެކްޓަރީއެއް ޤާއިމުކުރުމުގެ މަސައްކަތްކުރާނެ ފަރާތެއް ހޯދުމަށްޓަކައި ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލެވިފައެވެ. މި މަޝްރޫޢުގެ ދަށުން 40 ޓަނުގެ ފިޝްމީލް ޕްލާންޓެއްވެސް ފެލިވަރުގައި ޤާއިމުކުރެވިގެންދާނެއެވެ.

މިފްކޯއިން ގަންނަމަހުގެ ބޮޑުބައެއް ވެލިޔު އެޑްކޮށްގެން އެކްސްޕޯޓްކުރުމުގެ ފުރުސަތު މި މަޝްރޫޢުގެ ސަބަބުން ހުޅުވިގެންދާނެއެވެ. އަދި މަސްވެރިން ކިރާ މަހަށް ލިބޭ އަގު މަތިވެ، މަސްވެރިންނަށާއި މިފްކޯއަށް ލިބޭ ޢާމްދާނީ އެތައް ގުނައެއް އިތުރުވުމަށް މަގުފަހިވެގެންދާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *