އާންމު ކުނިފުނިތައް ޖަމާކުރާ 8 ސަރަހައްދެއް މާލޭގައި ހުންނަ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. އެތަންތަނުގެ ސަބަބުން މާލެތެރެ ގޮނޑުވެ އާންމު ސާފުތާހިރުކަން ގެއްލިފައިވާ ސަރަހައްދުތައް ވަރަށް ގިނަވެއްޖެއެވެ. މިކަން ހައްލު ކުރުމަށް މާލެ ސިޓީ ކައުންސިން ނިންމާފައިވަނީ މާލޭގެ މަގުތަކަށް ކުނިއަޅާ މީހުން އަންނަ ހުކުރު ދުވަހުން ފެށިގެން ޖޫރިމަނާ ކުރުމަށެވެ.
އިއްޔެ ސިޓީ ކައުންސިލުން މިގޮތަށް ނިންމީ 'އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު' ގެ ދަށުން ދޭން ޖެހޭ ހިދުމަތް ދިނުމުގައި އާންމު އިޖްތިމާއީ މިންގަނޑުތަކާއި ހިލާފު އަމަލުތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން މާލެ ސާފުތާހިރުކޮށް ބޭއްވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުގައެވެ.
ސިޓީ ކައުންސިލުން ބުނީ މަގުތަކަށް ކުނި އަޅާމީހުންނަށް ފުރަތަމަ ނަސޭހަތްދިނުމަށް ނިންމާފައިވާ ކަމަށާއި ދެވަނަ ފަހަރަށް އެކަން ތަކުރާރު ކުރާ ނަމަ 200 ރުފިޔާ އަދި ތިންވަނަ ފަހަރަށް 300 ރުފިޔާއިން އަދި އޭގެ ފަހުން ތަކުރާރު ކުރާ ކޮންމެ ފަހަރަކު 500 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށެވެ.
ސިޓީކައުންސިލަށް ނުހުއްޓުވުނު، ކުނިއަޅާމީހާ ހޯދޭނެ ގޮތެއްވެސް ނެތް
މާލޭގެ މަގުތަކަށް ކުނިފުނިތައް ޖަމާކުރުމުގެ އާދައަކީ ސިޓީކައުންސިލަށް މިހާތަނަށް ނުހުއްޓުވިފައިވާ އާދައެވެ. ސިޓީ ކައުންސިލުން އެ ތަންތަން ސާފު ކުރުމުގެ މަސައްކަތް ކުރިނަމަވެސް ތަކުރާރުކޮށް އެއް ސަރަހައްދުތަކަށް އާންމުން ގެންދަނީ ކުނި ޖަމާކުރަމުންނެވެ.
މާލޭގެ ގޭބިސީތަކުގައި އުފެދޭ ކުނި ނައްތާލުމުގެ ޒިންމާ ހަވާލުކޮށްފައިވާ ވެމްކޯއިން ބުނެފައިވަނީ ރެޖިސްޓްރީ ކޮށްގެން ކުނި ނެގުމުގެ ހިދުމަތް ހޯދާ ގިނަ އަދަދެއްގެ ބަޔަކު މާލޭގައި ވެމްކޯއަށް މަހުން މަހަށް ދައްކަން ޖެހޭ ފީވެސް ނުދައްކާ ކަމަށެވެ. އަދި ރަޖިސްޓްރީ ނުކުރާ ތަންތަނުން ނެރޭ ކުނި ވެމްކޯއިން ނުގެންދާނެކަންވެސް ވަނީ އާންމުންނަށް އަންގާފައެވެ. އެހެންނަމަވެސް ގަވާއިދާ ހިލާފަށް މާލޭގެ ގޭބިސީތަކުން ކުނި ކޮތަޅުތައް މަގުތަކަށް ނެރެ ފުނިޖަހާފައި ހުރެއެވެ.
ހުކުރު ދުވަހުން ފެށިގެން މަގުތަކަށް ކުނި އަޅާ މީހުން ޖޫރިމަނާ ކުރަން ނިންމިނަމަވެސް އެކަން ކުރާ ބަޔަކު ދެނެގަނެވޭނެ އިންތިޒާމެއް މާލޭގެ ގިނަ މަގުތަކުގައެއް ނުހުރެއެވެ.
ސީސީޓީވީ ކެމެރާފަދަ ވަސީލަތްތައް މަދު މާލޭގެ މަގުތަކުގެ ސާފުތާހިރުކަން ގެއްލި ބައެއް ސަރަހައްދުތައް މުޑުދާރުވާ އަސްލު ސަބަބަކީވެސް މިއެވެ. އެކަން ކުރާ ފަރާތް ދެނެގަތުމަށް ދަތިވެ އެކަން ކުރުން ހުއްޓުވުމަށް ކަމާބެހޭ އިދާރާތަކަށް އޮތް ހުރަހަކީވެސް މިއީ ކަމަށް ވުން އެކަށީގެންވެއެވެ.
ޖޫރިމަނާ ކުރުމަކީ ހައްލެއްތަ؟
ދެން އޮތް ސުވާލަކީ މާލޭގެ މަގުތަކަށް ކުނި އއަޅާ ފަރާތްތަކުން 100 ރުފިޔާ ޖޫރިމަނާ ކުރުމުން އެއީ އެކަށީގެންވާ އަދަދެއްތޯއެވެ. އެގޮތަށް ސިޓީ ކައުންސިލުން ނިންމާފައިވާއިރު މާލޭގައި ޕިކަޕެއްގައި ކުނި އުކާލަދޭ އަގަކީވެސް 350 ރުފިޔާއެވެ.
އެހެންކަމުން ކުނިފުނިތަކަށް ކުނި އަޅާ މީހުން ދެނެގަނެވޭނެ ހަރުދަނާ އުސޫލެއް ގާއިމު ނުކޮށް މިގޮތަށް ކުރާ ޖޫރިމަނާއަކުން ސިޓީކައުންސިލަށް މިކަށް ހުއްޓުވިދާނެބާއެވެ.
ކޮންމެ ކަމަކަށް ޖޫރިމަނާ ކުރުމާއި އަދަބު ދިނުމުގެ ބަދަލުގައި ބުއްދިވެރި ގޮތަކީ ކުނިޖަމާ ކުރާ ފަރާތްތަށްވެސް އަމިއްލަ ސާފުތާހިރު ކަމަށް އިސްކަންދިނުމާއެކު ފަރުދީ ޒިންމާ އަދާކުރުމެވެ. އަމިއްލަ ނަފްސަށް ތެދުވެރިވެ އަމިއްލައަށް އުފައްދާ ކުނި ނައްތާލުމުގައި މަކަރު ނުހެދުމެވެ.
ވެމްކޯގައި ރަޖިސްޓްރީ ނުވާނަމަ ރަޖިސްޓްރީކޮށްގެން އެކަން އުސޫލުގެ ތެރެއިން ކުރިޔަށް ގެންދިއުމެވެ. ވެމްކޯއިން މާލެ ސާފުކޮށް ބޭއްވުމަށް ކުރާ ބުރަމަސައްކަތަށް އެއްބާރުުލުން ނުދޭނަމަ މި މާލެ އިތުރަށް ދާނީ ގޮނޑުވަމުންނެވެ.
އާންމު ތަންތާނގައި ކުނިވެ ފުނިޖެހިފައިވާ ކުނިތަކުގެ ތެރެއިން ބަލިމަޑުކަން އުފެދި ހިނގާބިނގާވެ އުޅޭ މީހުންނަށް އެކަމުން ދުއްތުރާ ކުރުމުގެ ބަދަލުގައި އަޅުގަނޑުމެން އެންމެންވެސް އަމިއްލަ ގޭގައި އުފައްދާ ކުންޏަށް ޒިންމާ ވަމާތޯ އެވެ.
އާންމު ތަންނުގައި ޑަސްބިން ބެހެއްޓުން ހައްލަކަށް ވެެދާނެތަ؟
2000 ގެ ކުރީ ކޮޅާއި ހަމައަށްވެސް މާލޭގައި ކުނި އުކާލަނީ އެގެއެއްގެ ބަޔަކު އަމިއްލައަށެވެ. ކުނިތައް ގެންގޮސް އެޅުމަށް ކޮންޓެއިނަރު ތަކެއް ޑަސްބިންގެ ގޮތުގައި މާލޭގެ އެކި ސަރަހައްދުތަކުގައި އޭރު ބަހައްޓާފައި ހުރެއެވެ. އެއްވެސް އަގެއް ނުދައްކާ އަމިއްލަ މީހާ އަމިއްލަ ގޭގެ ކުނިކޮތަޅު ގެންގޮސް އެ ގެއަކާއި އެންމެ ކައިރިން ހުންނަ ޑަސްބިނަކަށް އެއްލާލުމުން އެކަން ނިމުނީއެވެ.
އަމިއްލައަށް ޒިންމާ ނެގޭ މި ނިޒާމުގެ ފަހުން ދެން މާލޭގައި ކުނި އުކުވަން ފެއްތެވީ ބިދޭސީން ލައްވައެވެ. ގަވާއިދާ އެއްގޮތަށާއި ގަވާއިދާއި ހިލާފަށްވެސް މާލެ އައިސް އުޅޭ ބިދޭސީން، ހާއްސަގޮތެއްގައި ބަނގްލަދޭޝް މީހުން ދިޔައީ އެކަމުގައި ބޮޑު ފައިދާއެއްވެސް ހޯދަމުންނެވެ. ބައިސްކަލުގައި ކުނި ކޮތަޅުތައް އެލުވުނު ގޮތަކަށް އެލުވާ، ބައިސްކަލުތައް ފުރާ ބަރާކޮށް ގެންގޮސް އެ ކުނިތައް އަޅަމުން ގެންދިޔައީ މާލޭގެ އެއްނަމްބަރު އަދި ދެ ނަމްބަރު ކުނި ކޮށްޓަށެވެ. ބިދޭސީން އެކަން ކޮށްދެމުން އައީ މަހަކު 100 އާއި 150 ރުފިޔާއާއި ދެމެދުގެ އަގަކަށެވެ.
މި އުސޫލު ބަދަލުވެގެން ދިޔައީ ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އުފެއްދުމާއި، އެކު ޤާނޫނެއް އުފަންކޮށް ވެމްކޯއާއި އެ މަސައްކަތް ހަވާލުކުރުމުންނެވެ.
ބިދޭސީން ކުނި އުކި ދުވަސްވަރު ރާއްޖޭގެ އިގްތިސާދުގައި އެނބުރޭ ފައިސާ މަދުވެ، ބަނގްލަދޭޝް، އިންޑިއާ، ސްރީލަންކާ ފަދަ ގައުމުތަކަށް ފޮނުވާ ޑޮލަރުގެ އަދަދު އިތުރުވެ ރާއްޖޭގެ އިގްތިސާދަށް މަންފާ ނުކުރާތީ އެކަން ވެމްކޯއިން ކުރާ ގޮތަށް ހަމަޖެއްސިއެވެ.
އެހެންނަމަވެސް ވެމްކޯގައި އޭރު އެކަމަށް ހާއްސަކޮށް ގިނަ އަދަދެއްގެ ބިދޭސީންނަށް ވަޒީފާ ދިނެވެ. އަދި ދިވެހިންވެސް އެކަމުގެ ތެރެއަށް ނެރުނެވެ. މިއަދުވެސް ވެމްކޯގައި ގިނަ އަދަދެއްގެ ދިވެހި މަސައްކަތްތެރިން ގޭބިސީތަކުގެ ކުނި ނެގުމުގައި ހަރަކާތްތެރިވާތީ ފެނެއެވެ.
ޖޫރިމަނާދެއްކުމަކީ ދިވެހިންނަށް ބޮޑު ކަމެއްތަ؟
މާލޭގެ ކުދި ބޮޑު އަދި އުސް އިމާރާތްތަކަށް އަރައިގެން ކުނި ނެރުމަށްވުރެ ވެމްކޯގެ މުވައްޒަފުންނަށްވެސް އަދި ސިޓީ ކައުންސިލުގެ މުވައްޒަފުންނަށްވެސް މާލޭގެ ކަނޑައެޅޭ ސަރަހައްދުތަކެއްގައި ޑަސްބިން ބަހައްޓައިފިނަމަ އެތަންތަން އެކީ ކަލެކްޝަން ޕޮއިންޓްތަކަށް ހަދައިގެން މާލޭގައި އުފެދޭ ކުނި ވެމްކޯގެ ކުނި މެނޭޖު ކުރާ މައި ސެންތަރު (ތިލަފުއްޓަށް) ގެންދިއުމަށް ފަސޭހަވެގެންދާނެއެވެ.
ހައްޓަށް ލުއިވެފައި ޖީބަށްވެސް ބުރަ ބޮޑު ނުވެ އާންމުންނަށްވެސް މިކަން ކޮށްލެވިދާނެއެވެ. އަދި ކުނި ނުގެންގޮސްގެން ގޭ ދޮރުމަތީގައި ގިނަ ކޮތަޅުތައް ގިނަވެގެން އެ ކުރާ ޝަކުވާވެސް އޭރަކުން ނާންނާނެއެވެ. އަމިއްލައަށް ކުނި ކޮތަޅު ގެންގޮސް އެ ޑަސްބިނަށް ވައްޓާލުމުން އެ ހިތްހަމަޖެހުން ކޮންމެ ގޭ ބިސީއަކަށްވެސް ލިބުނީއެވެ.
ޖޫރިމަނާއަކީ ދިވެހިންނަށް އައު ކަމެއް ނޫނެވެ. ބައެއް ދިވެހިންގެ އުސޫލު އޮންނަ ގޮތަކުން ގޭގެ ކަރަންޓް ބިލު ފެން ބިލު، ސުކޫލު ބިލު، ފޯނު ބިލުން ފެށިގެންގޮސް ޕާކިން ޒޯނުން ބޭރުގައި ސައިކަލާ، ކާރާ ޕިކަޕްފަދަ އުޅަނދު ޕާކުކުރުމާއި ހަމައަށް ގޮސް މިހެން ހުރި ހުރިހާ ކަމެއްވެސް ޖޫރިމަނާ ކުރަންދެން އަޅާނުލާ ތިބެނީއެވެ. ބައެއް ފަހަރަށް ކުށްޔަށް ދިރޭ އެޕާޓްމެންޓްގެ ކުލިވެސް އަދާކުރެވެނީ ޖޫރިމަނާ އާއި އެކުގައެވެ. އެ ވަރަށް ފަރުވާ ކުޑަކޮށްލައިގެންވެސް ބައެއް މީހުން ތިބޭނެއެވެ.
މިއީ އެންމެންގެ އާދައެއް ނޫނެވެ. މަދު ބައެއް ނަމަވެސް މިކަންކަން ކުރަނީ މި އުސޫލުކަން ފެންބިލާއި ކަރަންޓް ބިލު ދައްކާ އުސޫލުތައް އެ އިދާރާތަކުން ބަލާލުމުންވެސް ހާމަވާނެއެވެ. ވީމާ ކުނި އަޅައިގެން އެންމެ 100-500 ރުފިޔާ އާއި ދެމެދުގެ ޖޫރިމަނާއެއް ކުރިޔަށް ބައެއް މީހުންނަށް އެއީ ބޮޑު ކަމަކަށް ނުވެދާނެއެވެ.