ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން ހެނދުނު ރާއްޖެ ވަޑައިގެންފިއެވެ.
އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައެވެ.
މި ދަތުރުފުޅަކީ ކެމްބޯޑިއާގެ ބޮޑުވަޒީރަކު ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ކެމްބޯޑިއާގެ ބޮޑު ވަޒީރަށާއި އެމަނިކުފާނުގެ އަރިހުގައި ރާއްޖެ ވަޑައިގެންނެވި ކެމްބޯޑިއާގެ ވަފުދުގެ ބޭފުޅުންނަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން މަރުޙަބާ ދެންނެވީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބުދުﷲ ޝާހިދެވެ.
ކެމްބޯޑިއާގެ ބޮޑުވަޒީރުގެ މި ދަތުރުފުޅުގައި ރާއްޖެއާއި ކެމްބޯޑިއާއާ ދެމެދު ރަސްމީ މަޝްވަރާތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދެޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހި ކުރެއްވުމާއި ބެހޭގޮތުން މަޝްވަރާކުރައްވައި، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ގޮތުން ފަހުމުނާމާތައް ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ވެސް މި ދަތުރުފުޅުގެ ހަވާސާގައި ދެޤައުމުގެ ދެމެދުގައި ވިޔަފާރީގެ މުޢާމަލާތްތައް ހަރުދަނާކުރުމަށާއި، ވިޔަފާރީގެ ދާއިރާއިން ގުޅުން އިތުރަށް ބަދަހި ކުރުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ބާއްވާ ބިޒްނަސް ފޯރަމްގައި ދެ ޤައުމުގެ ޗެމްބަރ އޮފް ކޮމަރސް އިން ބައިވެރިވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ދިވެހިރާއްޖެއިން ކެމްބޯޑިއާ އާއެކު ސިޔާސީ ގުޅުން ޤާއިމްކޮށްފައި ވަނީ، 21 ސެޕްޓެމްބަރު 1995 ގައެވެ.