ރާއްޖޭގެ އިގްތިސާދަށް ބޭންކް އޮފް މޯލްޑިވްސް އިން ވަރަށް ބޮޑު ދިރުމެއް ގެނެސްދިން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
ބީއެމްއެލް އަށް 40 އަހަރު ފުރުން ފާހަގަކުރުމަށް މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ޞާލިހް ވިދާޅުވީ، ރާއްޖޭގެ އިގްތިސާދުގެ މައި ދެ ތަނބަކީ ފަތުރުވެރިކަމާއި މަސްވެރިކަން ކަމަށެވެ.
އަދި އެ ދެ ތަނބުގެ މަތީގައި ރާއްޖޭގެ އިގްތިސާދު ހިފެހެއްޓި އޮންނަނީ ބީއެމްއެލްގެ ހަކަތައާއި ފަންވަރުގެ ސަބަބުން ކަމަށެވެ.
ރައީސް ވިދާޅުވީ، ދިވެހިންގެ އަމިއްލަ ބޭންކެއް އުފެދި، ދިވެހިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެ މަގުތައް ބީއެމްއެލްއިން ފަހިކޮށްދިނުމާއި އެކު ދިވެހި މަސްވެރިކަމުގެ ސިނާއަތު ވަރަށް ބޮޑަށް ކުރިއަރައިގެން ދިޔަ ކަމަށެވެ.
މަސްވެރިކަމަށް ހާއްސަ ކޮށްގެން ބީއެމްއެލް އިން ދޫކުރި ލޯނުތަކުގެ ސަބަބުން މަސް އޮޑިތަކުގެ ފަށަންތައް ވިހިން ފަންސަވިސް ވިޔަނުން ތިރީހުން ސާޅީސް ވިޔަނަށް ބަދަލުވެގެން ދިޔަ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ބީއެމްއެލް އިން ފަތުރުވެރިކަމަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދީފައިވާކަމީ ފެންނަން އޮތް ހަގީގަތެއް ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ބީއެމްއެލް އުފެދުނު އިރު ރާއްޖޭގައި ފަތުރުވެރިކަން ފެށިގެން ވީ 10 އަހަރު ކަމަށެވެ.
ވޭތުވެދިޔަ 40 އަހަރު ތެރޭގައި ފަތުރުވެރިކަމުގެ ސިނާއަތް ރާއްޖޭގެ ހުރިހާ ހިސާބުތަކަށް ފުޅާވުމުގައި ބީއެމްއެލްގެ މާލީ އެހީތެރިކަމުގެ ހިއްސާ ވަރަށް ބޮޑުކަން ވެސް ރައީސް ޞާލިހް ފާހަގަކުރެއްވިއެވެ.
އުމްރާނީ ތަރައްގީގެ ރޮނގުންވެސް ރާއްޖެ ހަލުވިމިނުގައި ކުރިއަރައިގެން ދިޔައީ ބީއެމްއެލްގެ ބޮޑު ދައުރެއް އޮވެގެން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ، ބޭންކް އޮފް މޯލްޑިވްސް އުފެދިގެން އައި ގޮތާއި އެދުވަސްވަރު ރާއްޖޭގެ ބޭންކިން ނިޒާމް ހިނގަމުން އައިގޮތުގެ މައްޗަށްވެސް އަލިއަޅުއްވާލައްވައިފައެވެ.
އެގޮތުން، ބޭންކު އޮފް މޯލްޑިވްސް އުފެއްދީ ބަނގްލަދޭޝް ސަރުކާރުގެ ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމަކާއެކުގައިކަން ފާހަގަ ކުރައްވައި، ބަނގްލަދޭޝްގެ އިންޓަރނޭޝަނަލް ފިނޭންސް އެންޑް އިންވެސްޓްމަންޓް ކޮމްޕެނީއަށާއި ބަނގްލަދޭޝްގެ ސަރުކާރަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.
ބީއެމްއެލްގެ 40 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ބައިވެރިވެވަޑައިގެންނެވިއެވެ.