ގއ. ދާންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމުތޮށިލުމަށް ބޭނުންވާ ގައު އެތުރުމުގެ މަސައްކަތާއި، ކޮންކްރީޓް މަސައްކަތްތަކާއި، ރޭމްޕް ހަރުކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.
އެމްޓީސީސީ އިން ބުނީ ބޭރުތޮށިލުމުގެ މަސައްކަތުގެ 55 ޕަސެންޓް ވެސް ނިމިފައިވާ ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، 52،099 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގައި ބަނދަރު ފުންކުރުމާއި، 4953 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 30 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމާއި، 333 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުން ހިމެނެއެވެ.
އަދި 170 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 529 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 1203 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫޢަކީ 70.8 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.