ބެއިޖިން ކެޕިޓަލްގެ ފްލައިޓެއް

ޗައިނާއިން ރާއްޖެއަށް އަލުން ދަތުރުތައް ފެށުމަށް ނިންމައިފިއެވެ.

ކޮވިޑަށްފަހު ޗައިނާއިން ރާއްޖެއަށް އަންނަ ފުރަތަމަ ފްލައިޓު އައުމަށް ހަމަޖެހިފައިވަނީ މިމަހު 18ގައެވެ. އެއީ ބެއިޖިން ކެޕިޓަލް އެއާލައިންސްގެ ޗާޓަރު ދަތުރެއްކަމަށް މައުލޫމާތު ލިބެއެވެ.

ޗައިނާގެ 3 އެއާލައިނަކުން މިމަހުގެ ތެރޭގައި ރާއްޖެއަށް ދަތުރުފެށުމަށް ވަނީ ނިންމާފައެވެ. އެއީ ބެއިޖިން ކެޕިޓަލްގެ އިތުރުން ޗައިނާ އީސްޓަން އަދި ހޮންގކޮންގ އެއަރލައިންއެވެ.

ޗައިނާއަކީ ކޮވިޑްގެ ކުރިން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަމުންދިޔަ ގައުމެވެ. 2019 ވަނަ އަހަރު އެގައުމުން ރާއްޖެއަށް 284،029 ފަތުރުވެރިން އައިސްފައިވެއެވެ.

ކަރަންޓީނުވުމުގެ އުސޫލުތައް އުވާލައި ބޯޑަރު ހުޅުވާލުމަށް ޗައިނާއިން ނިންމާފައިވާއިރު އެގައުމުގައި އަދިވެސް ކޮވިޑްގެ ކޭސްތައް ގިނަކަން ފާހަގަކުރެވެއެވެ. އަދި އެކަށީގެންވާ ސައްހަ މައުލޫމާތާއި އަދަދުތައް ހާމަކުރަމުންނުދާތީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިންނާއި އެހެން ގައުމުތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ގިނަ ގައުމުތަކުން ވަނީ ޗައިނާގެ ފަތުރުވެރިންނަށް ދަތުރުކުރެވޭނީ ނެގެޓިވް ޕީސީއާރް ނަތީޖާއަކާއެކުގައިކަމަށް ބުނެފައެވެ. މޮރޮކޯއިން ވަނީ ޗައިނާގެ ފަތުރުވެރިން އައުން މަނާކުރާ ފަދަ މޭރުމަކުން ވާހަކަ ދައްކާފައެވެ.

އެހެންނަމަވެސް މިފަދަ އެއްވެސް ފިޔަވަޅެއް ރާއްޖެއިން އަޅާނެކަން ނުވަތަ އެފަދަ މަޝްވަރާއެއް ކުރަމުންދާކަމަށް ކަމާގުޅޭ އިދާރާއަކުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *