ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެއްވެސް ކަމަކަށް ރިއެކްޓް ނުކުރައްވާކަމަށް ވިދާޅުވެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތަކަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ރައްދު ދެއްވައިފިއެވެ.
އެމްޑީޕީގެ "ޖަގަހަ ޖަލްސާ" ގައި ވާހަކަފުޅު ދައްކަވަމުން މާރިޔާ ވަނީ ރައީސް ނަޝީދުގެ ޕްރިމަރީ ކެމްޕެއިން ލޯންޗްކުރުމަށް ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވާފައެވެ.
"އަންނި 2023" ކެމްޕެއިން ލޯންޗްކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވަނީ ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު މެނިފެސްޓޯގައި ހުރި ކަންކަން ތަންފީޒުނުކުރައްވާކަމަށް ވިދާޅުވެފައެވެ. ވެރިކަމަށް ވަޑައިގެންނެވުމަށްފަހު މެނިފެސްޓޯގައި ހުރި ކަންކަން ނުކުރައްވާކަމަށް ވިދާޅުވެ "ރިއެކްޓް ނުކުރައްވާ"ކަމަށް ވިދާޅުވިއެވެ.
"ނުވި، ނުވި، ރިއެކްޓްއެއް ނުކުރެއްވި"
މިކަމަށް ރައްދު ދެއްވައި މާރިޔާ ވިދާޅުވީ އެމްޑީޕީއަކީ ރިއެކްޓް ކުރާ ޕާޓީއެއް ނޫންކަމަށެވެ. އެމްޑީޕީއަކީ "ޕްރޯ އެކްޓިވް" ޕާޓީއެއްކަން ފާހަގަކުރައްވައި މާރިޔާ ވިދާޅުވީ އެޕާޓީން ކުޅޭނީ އަބަދުވެސް ހަ ކުޅި ކުރިއަށް ކަމަށެވެ.
މި ޕާޓީއަކީ އެއްވެސް އިރެއްގައި ރިއެކްޓް ކުރާ ޕާޓީއެއް ނޫން. މި ޕާޓީއަކީ ޕްރޯއެކްޓިވް ޕާޓީއެއް. މިއީ އަބަދުވެސް ހަކުޅި ކުރިއަށް ކުޅޭ ޕާޓީއެއް @MariyaDidi #Ibu2023#Heyoverikan pic.twitter.com/lzLKMVaEtr
— Mohamed Shaan Abdulla (@kudey_a) December 29, 2022
އަދި އެއުސޫލުން، އެހެން ބަޔަކު ކުރާ ކަމަކަށް ނުބަލައި ހަ ކުޅި ކުރިއަށް ކުޅޭ ޕާޓީއަކުން ކުއްލިއަކަށް ރިއެކްޓްކުރައްވާ ވާހަަކަފުޅު ދެއްކެވުމުން ހިތާމަކުރައްވާކަމަށް ވިދާޅުވިއެވެ. އެއީ ޕާޓީގެ ވިސްނުމާއި ބީރައްޓެހި ވިސްނުމެއްކަމަށް މާރިޔާ ވިދާޅުވިއެވެ.
މާރިޔާގެ ވާހަކަފުޅުގައި ސަރުކާރުން މިހާތަނަށް ހިންގާފައިވާ އެކި މަޝްރޫއުތަކަށް އަލިއަޅުއްވާލެއްވިއެވެ. އަދި ކެމްޕެއިންތެރޭގައި ވީހާވެސް ކޯޅުން ބޮޑުނުވާނެ ގޮތަކަށް ކަންކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ.