ޓެކްސްތަކަށް ގެނައި ބަދަލުގެ ސަބަބުން އާންމުންނަށް ތަކުލީފަކަށްވާ ވަރުގެ ބޮޑު ބަދަލެއް އަގުތަކަށް އަންނާނެކަމަށް ގަބޫލުފުޅު ނުކުރައްވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި “ޖަޒީރާ”އިން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ އާންމުންނަށް ތަކުލީފަކަށްވާ ވަރުގެ ބަދަލެއް އަތުވެދާނެކަމަށް ގަބޫލު ނުކުރައްވާކަމަށެވެ.
މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް ބޮޑުކުރާއިރު އެވަރުގެ ފުދުންތެރިކަން ރައްޔިތުންގެ ކިބައިގައި އެބަހުރިތޯ ސުވާލުކުރުމުން ރައީސް ވިދާޅުވީ ޓެކްސް ބޮޑުކުރުމާއެކު އާންމުންނަށް ބޮޑު ދައްޗަކަށް އެކަން ވާނަމަ، އެކަން ބައްލަވާ ބަދަލުކުރައްވާނެ ކަމަށެވެ.
މުދަލާއި ހިދުމަތުގެ އަގުތައް ބޮޑުކުރުމުގެ ސިޔާސަތުގެ ވާހަކައާއެކު މިހާރުވެސް ތަކެއްޗާއި ހިދުމަތްތަކުގެ އަގަށް ބަދަލު އަންނަން ވަނީ ފަށާފައެވެ. މުދަލާއި ހިދުމަތުގެ އަގަށް އަންނަ ބަދަލުތައް ކޮންޓްރޯލްކުރުމުގެ ސިޔާސަތެއް ގެންގުޅުންވަންތޯ ސުވާލުކުރުމުން ރައީސް ވަނީ އެކަންވެސް ބަލަމުން ގެންދާނެކަމަށް ވިދާޅުވެފައެވެ.
ބޮޑު ކުރާ ޓެކްސްއާއެކު އެންމެ ގޯސް ހާލަތުގައި އިންފްލޭޝަން ރޭޓް 5.4 އިންސައްތައަށް ބޮޑުވާނެކަމަށް ރައީސް ލަފާކުރެއްވިއެވެ. އެހެންނަމަވެސް އިންޓަނޭޝަނަލް މަނިޓަރީ ފަންޑްއިން ލަފާކުރަނީ އިންފްލޭޝަން ރޭޓް މަތިވާނީ 3.2 އިންސައްތައަށްކަމަށް ރައީސް ވިދާޅުވިއެވެ.